ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަން ރުފިޔާގެ ލޯނެއް

ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަން ރުފިޔާގެ ލޯނެއް

ގުޅުންހުރި

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ.

މި ލޯނު ނެގީ ތިން ބޭންކެއް މެދުވެރިކޮށެވެ. އެއީ އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އަދި އައި.އެން.ޖީ. އާއި އޭ.ކޭ.އޭ. އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައި.އެން.ޖީ ބޭންކް ގެ ޑިރެކްޓަރ، މިސްޓަރ ވިލެމް ވެން ނުއަސް އެވެ. އަދި، އޭ.ބީ.އެން. އަމްރޯ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ހެޑް އޮފް އެކްސްޕޯޓް ފައިނޭންސް، މިސްޓަރ ޔޫސްޓް ކިސާރސްއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ މުޙައްމަދު އަސްލަމް އާއި އެ މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ގުޅީފަޅު ހިއްކައި ގުޅީފަޅުގައި އައު ޕޯރޓެއް ތަރައްޤީކޮށް، މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލެ އިންޓަނޭޝަނަލް ޕޯރޓް، ގުޅީފަޅަށް ރިލޮކޭޓް ކުރުމެވެ.

މި މަޝްރޫޢުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިޤްތިސޯދަށް އެކަށީގެންވާ ވަރުގެ ޕޯރޓެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެއިތުރުން، މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވި، މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބި، އަދި މާލޭގެ ބިމުގެ ޖާގަ އިތުރުވެގެންދާނެއެވެ. އަދި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

މިމަޝްރޫޢަކީ 2012-2022 އަށް ހެދިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން ގްރޭޓަރ މާލެ ތަރައްޤީކުރުމުގެ ޕްލޭންގެ މުހިއްމު މަޝްރޫޢެކެވެ.

މި ސަރުކާރުން މިހާތަނަށް ވަނީ 38 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފައެވެ. އެއީ ލޯނުގެ ގޮޮތުގައި 37 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 1.1 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެއެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ރާއްޖޭގެ ރިޒާވް ހުސްވެދާނެކަަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވަނީ އޮފިޝަލް ރިޒާވުގައި 807 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި 2009ވަނަ އަހަރު ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރު ކަމަށާ، އެހެންވީމާ ރިޒާވު އެއްވަރެއްގައި ހިފެއްޓިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ