އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ސްރީ ލަންކާގައި ވަޒީފާ އަދާ ކުރާ ފަރާތްތަތުން ރަސްމީ މަސައްކަތަށް ނިކުންނަން ޖެހޭނީ ހަފްތާއަކު 4 ދަވަހު ކަމުގައި އެގައުމުގެ ސަރުކާރުން އަންގާރަދުހަވު ހަމަޖައްސައިފިއެވެ.
މުސާރަ އުނި ކުރުމަކާ ނުލާ، ހަފްތާއަކު މަސައްކަތް ކުރަންޖެހޭނީ 4 ދަވަހު ކަމުގައި ކުރިޔަށް އޮތް 3 މަސްދުވަހަށް ހަމަޖައްސާފައިވަނީ ހުކުރުވަހު ދަނޑުވެރިކަން ކުރުމުގެ ފުރުސަތު އެގައުމުގެ ރައްޔިތުންނަށް ދިނުމުގެ ގޮތުންނެވެ.
"ސަރުކާރު މުވައްޒިފުންނަށް އެއް ދުވަސް މަސައްކަތު ދުވަހެއްގެ ގޮތުގައި ޗުއްޓީ ދިނުމަކީ އެންމެ ރަގަޅު ގޮތް.. އެއީ ގޭގައި ހުސްކޮށް އޮންނަ ތަންކޮޅުގައި ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށްޓަކާ،" ސްރީ ލަންކާގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އިންފޮމޭޝަންއިން އަންގާރަ ދުވަހު ބުނެފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އިންފޮމޭޝަންއިންއިން ހާމަ ކޮށްފައިވާ ގޮތުގައި ކާނާއާއި ގޭހަށް ދަތިވުމުގެ ސަބަބުންނާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކަށްވެސް މިގެނައި ބަދަލުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
ސްރީ ލަންކާގައި އަންދާޒާ ކުރެވޭ ގޮތުގައި ސަރުކާރު މުވައްޒަފުންގެ އަދަދު 1 މިލިއަނަށް އަރައެވެ. ސްރީ ލަންކާގައި މަސައްކަތު ދުވަސްތަކަށް މިގެނައި ބަދަލުގެ ތެރޭގައި، މުހިންމު ބައެއް ޚިދުމަތްތައް ކަމުގައިވާ، ސިއްޙީ ދާއިރާގެ ބައެއް މުވައްޒަފުންނަށާއި، ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ހަކަތައާއި އަދި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހިމަނާފައެއް ނުވެއެވެ.
ސްރީ ލަންކާއަށް ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާއަށް ހައްލު ނުހޯދި، ހާލަތު ގޯހުން ގޯހަށް ދަތުރުކޮށް، ގައުމުގެ ބޭރު ފައިސާގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށްގޮސް، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކާ ފައިސާ ޗާޕުކުރަން މަޖުބޫރުވެ، ތަކެއްޗާއި އާންމު ޚިދުމަތުގެ އަގު އިންތިހާއަށް މަތިވެ، ގައުމަށް އެތެރެ ކުރަންޖެހޭ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭހަށް ފައިސާ ދެއްކޭނެ ގޮތެއްނެތި، އެގައުމުވަނީ ބަގުރޫޓު ވުމާއި ކައިރި ވެފައެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވަ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.