ރާއްޖޭގެ އެންމެ ދުވަސްވީ އެއް ގަބުރުސްތާން، ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނަށް ގެއްލުން ދީފި

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ގަބުރުސްތާން، ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނަށް ގެއްލުން ދީފި

Author
ޢަލީ އާދަމް
14 ޖޫން 2022 03:33
0

ފުވައްމުލަކު ހުކުރު މިސްކިތުގެ އާސާރީ ގަބުރުސްތާނުގެ މަހާނަ ގާތަކެއް ބިންދައި އެތަނަށް ގެއްލުން ދިން މައްސަލައެއް ބަލަންފަށައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ އެތަނަށް ގެއްލުން ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

މިނިސްޓްރީން ބުނީ މިކަން ފުވައްމުލަކު ސިޓީ ކައުންސިލުން މިނިސްޓްރީގެ ސަމާލުކަމަށް އިއްޔެ ގެނައުމާއެކު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ގަބުރުސްތާނަށް ގެއްލުންދިން ބަޔަކު ވަނީ އެތަނުގެ ބައެއް އާސާރީ މަހާނަގާތައް ތާޅާލާފައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓރީއާ ހިއްސާކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލަށް އަންގާފައި ވާކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަހާނަ ގާތައް ބިންދާލާފައިވަނީ މެދުންނެވެ. ބިންދާލި ގާތަކުގައި އިހުގެ ގަލުވަޑާމުގެ ޑިޒައިންތަކުގެ އިތުރުން ކަނޑައި ނަގައިގެން އަރަބި ބަހުން ލިޔެފައި ހުއްޓެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން، ތަރިކަ އަށް ގެއްލުން ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ. އެ ގާނޫނު ބުނާ ގޮތުން، ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.