ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާގުޅޭގޮތުން އެމް.ޓީ.ސީ.ސީން ބުނެފައިވަީ، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %72 މަސައްކަތް ފުރިހަމަކުރެވިފައި ވާކަމަށެވެ. އަދި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ފުވައްލުމައް ސިޓީގެ އެތެރޭގެ މަގުތައް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް ޢަމަލީ މަސައްކަތްފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި މަޝްރޫޢުގައި ހިމެނެނީ ރަށުގެ 31 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެއީ 95،239 އަކަމީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތުގައި ތާރުއެޅުމުގެކުރިން ކުރާ ޕޭމަންޓާއި އަދި ޖަންކްޝަންތަކުގެ ގިނަ މަސައްކަތްތަކެއްވަނީ ނިންމާފައެވެ.
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފަ. ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.#MTCCProjects #RayyithungeKunfuni pic.twitter.com/j3NIwTVTae
— MTCC Plc (@MTCCPlc) June 12, 2022
މި މަޝްރޫޢުގެ ދަށުން، 122,659 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަމީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފުވައްމުލައް ސިޓީގެ މަގު ހެދުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ރަށުގައި ވަށައިގެން އޮންނަ ވަށަމަގުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތެވެ. 2016 ވަނަ އަހަރު ފެށި މަސައްކަތް ހުއްޓިފައިވަނިކޮށް، 2019 ވަނަ އަހަރު އެމް.ޓީސީ.ސީއާ ހަވާލުކޮށް މިހާރުވަނީ މަސައްކަތް މުޅިން ނިންމާލާފައެވެ.
ކޮމެންޓު ފޮނުވާ