އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި، އީރާނުގެ ޔުރޭނިއަމް ޕްރޮސެސްކުރާ މަރުކަޒަކަށް އިސްރާއީލުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ މެދުތެރޭގެ ސަހަރެއް ކަމަށްވާ ޔަޒްދްގައި ހުންނަ، ޔުރޭނިއަމް ފައްކާކުރުމަށް ބޭނުންވާ ރޯމެޓީރިއަލް ނަގާ ކާރުޚާނާއަށެވެ. އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުން މިކަން ކަށަވަރުކޮށްދީފައިވާއިރު، ބޫޝެހެރް ނިއުކްލިއަރ ޕަވަރ ޕްލާންޓް ކައިރިއަށްވެސް ޙަމަލާތަކެއް އަމާޒުވިކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި، ރޭޑިއޭޝަން ލީކުވުން ފަދަ ފަންނީ ގެއްލުމެއްވެސް ލިބިފައި ނުވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމައަށް މިހާރު 28 ދުވަސް ވެފައިވާއިރު، އިސްރާއީލުން ދަނީ އީރާނުގެ އެކި ކަންކޮޅުތަކަށް މެދުކެނޑުމެއްނެތި ޙަމަލާދެމުންނެވެ. މީގެ ތެރޭގައި ޚޮންދާބް ހެވީ ވޯޓަރ ކޮމްޕްލެކްސްއާއި، ސްޓީލް ކާރުޚާނާތަކުގެ އިތުރުން ތަހްރާން، ކާޝާން އަދި އަހްވާޒަށް ދިން ޙަމަލާތައް ހިމެނެއެވެ. ގުމް ސަހަރަށް ދިން ޙަމަލާތަކުގައި 18 މީހުން މަރުވެފައިވާއިރު، އެމެރިކާއާއި އިސްރާއީލުގެ ޙަމަލާތަކުގައި މިހާތަނަށް އީރާނުން 1،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 120 އަށްވުރެ ގިނަ ތާރީޚީ ބިނާތަކާއި ދާރުލްއާސާރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ޙަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އިސްރާއީލުގެ ކިބައިން ވަރަށް ހިތްދަތި ގޮތަކަށް ބަދަލުހިފާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އީރާނުގެ އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ކޮމާންޑަރ ސައްޔިދު މަޖީދު މޫސަވީ ވިދާޅުވީ ހަނގުރާމަ އައު މަރުޙަލާއަކަށް ވަދެފައިވާކަމަށާއި، ދެން ކަންތައްތައް ކުރިއަށްދާނީ ހަމައެކަނި "ލޮލަކަށް ލޮލެއް" އުޞޫލުން ނޫން ކަމަށެވެ. މީގެ ރައްދުގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނެފައިވަނީ އީރާނުން އިސްރާއީލުގެ އާންމުންނަށް އަމާޒުކޮށް ޙަމަލާދެމުންދާތީ، އިސްރާއީލުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރާނެ ކަމަށެވެ. އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އީރާނުން ދެން އެންމެ އަވަހަށް ޙަމަލާދިނުން އެކަށީގެންވަނީ އިސްރާއީލުގެ ޑިމޯނާ ނިއުކްލިއަރ މަރުކަޒަށެވެ.
ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާން، ތުރުކީ އަދި މިޞްރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ހަކަތައާބެހޭ މަރުކަޒުތަކަށް ދޭން ރާވާފައިވާ ޙަމަލާތައް އެޕްރީލް 6 އަށް ފަސްކޮށްފައިވާކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން ވަނީ އެމެރިކާގެ ހުށަހެޅުންތަކަކީ ބޭއިންސާފު ހުށަހެޅުންތަކެއްކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. އީރާނުން ޝަރުތުކުރަނީ ހަނގުރާމައިގެ ބަދަލުދިނުމާއެކު، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތްކަން ބަލައިގަތުމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހުރްމުޒް ކަނޑުއޮޅިން ޓޯލް ނެގުމަށް އީރާނުން ރާވާފައިވާ ރޭވުމަކީ ޣައިރުޤާނޫނީ ކަމެއްކަމަށް ބުނެ އިންޒާރުދީފައެވެ.
މި މައްސަލައިގައި އީރާނުގެ އިންޤިލާބީ ލަޝްކަރުން މިހާރުވެސް ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު 3 ބޯޓެއް އަނބުރާ ފޮނުވާލާފައެވެ. އަދި ދުޝްމަނުންނާ ގުޅުންހުރި ބޯޓުތަކަށް އެ މަގު ބަންދުވާނެކަމަށް އިއުލާންކޮށްފައިވީނަމަވެސް، އިންސާނީ އެހީއަށް ހުރަސްނާޅާނެކަމަށް އދ. ގައި ހުންނަ އީރާނުގެ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާއިރު، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ) އިން ވަނީ މިކަމުގެ ސަބަބުން ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވާ މީހުންގެ އަދަދު 318 މިލިއަނުން 363 މިލިއަނަށް އިތުރުވެގެންދާނެކަމުގެ ބިރުވެރި އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ