އިންތިހާބުތައް އެއްކޮށްލުމާ ދެކޮޅަށް 60 އިންސައްތަ މީހުން ވޯޓުލާނެ: ސޯލިހު

އިންތިހާބުތައް އެއްކޮށްލުމާ ދެކޮޅަށް 60 އިންސައްތަ މީހުން ވޯޓުލާނެ: ސޯލިހު

Author
އަލީ ރައޫފް
28 މާރޗް 2026 01:52
0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން އެކަމަށް ނޫނެކޭ ބުނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް 'ހޭވައްލާ ތައްޔާރު’ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ރައްޔިތުންގެ ވިންދު ހުރިގޮތް ވަރަށް ސާފުކޮށް ފެނިވަޑައިގެންފައިވާ ކަމަށެވެ. މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަންނަ މަހުގެ 4 ގައި ނަގާ ވޯޓުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އެކަމާ ދެކޮޅު ހަދާނެކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި އެވެ.

އެ ވޯޓަށް އާނއެކޭ ބުނެފިނަމަ ރައްޔިތުންގެ އަތުން ގެއްލިގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަސްބުނުމުގެ ބާރުކަން ފާހަގަކުރައްވައި ސޯލިހު ވިދާޅުވީ، ޑިމޮކްރަސީއެއްގައި އެ ފުރުސަތު ވީހާވެސް ފުޅާކޮށް އޮންނަން ޖެހޭނެ ކަމަށެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ފެނިގެންދާނީ ނިޒާމުތައް ފުނޑުފުނޑުކޮށް ބާރުތައް ޖަމާކުރާތަން ކަމަށާއި، މިހާރުވެސް ސަރުކާރު ޖަވާބުދާރީ ކުރެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓު ކަރުދާސްކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދުދެއްވަމުން ސޯލިހު ވިދާޅުވީ، އެއީ އެއްވެސް އިހުލާސްތެރިކަމެއް އޮވެގެން ދައްކާ ވާހަކައެއް ނޫން ކަމަށެވެ. ހަގީގަތުގައި ވެސް ހަރަދު ކުޑަކުރަން ބޭނުންވާނަމަ، ސިޔާސީ ވަޒީފާތައް އިތުރުކުރުމާއި ކުންފުނިތަކުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލެވުނީސްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ވަޒީފާއާއި ފައިސާ ބަހަމުންދާތީ، ހެޔޮވެރިކަމެއް އަލުން ގާއިމުކުރުމަށްޓަކައި ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް ސޯލިހު ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.