ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައި އޮތް ހަތަރު ކާރެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމަށްފަހު، ސައިކަލު ދުއްވަން އިން މީހާ ފިލުމުން ފުލުހުން އޭނާ ހޯދަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ބެރެބެދިމާ ހިނގުމުގެ ފުރަތަމަ ގޯޅިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހިގެންނެވެ. މިއަދު ހެނދުނު 6:27 ހާއިރު މި މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެކްސިޑެންޓުވުމާއެކު ޑްރައިވަރު ވަނީ ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައެވެ. ނަމަވެސް ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ ދިވެހި ޒުވާނާ އެ ސަރަހައްދުގައި މަޑުކޮށްގެން ހުރުމުން ފުލުހުން ދަނީ އޭނާއާ ސުވާލުކުރަމުންނެވެ. މި ހާދިސާގައި އެ ޒުވާނާގެ ތުންފަތް ފަޅައިގެން ގޮސް ހަށިގަނޑުގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.
މި އެކްސިޑެންޓުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި އެކްސިޑެންޓުވި ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ފުލުހުން މިހާރު ވަނީ މައްސަލައިގެ ތަހުގީގަށް އެ ސައިކަލު ޓޯކޮށްފައެވެ. އަދި ފިލާފައިވާ ޑްރައިވަރު ހޯދައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ