މިދިޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި، ބިން ވިއްކުމުގެ އިތުރުން ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓް ނަތީޖާގެ ބަޔާނުން ދައްކާ ގޮތުގައި، ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި 18 ފަރާތަކުން ވަނީ އެކަމަށް ކަނޑައެޅިފައިވާ ފީ ދައްކާފަ އެވެ. މީގެ އިތުރުން، ރިސޯޓު ތަރައްގީކުރުމުގެ ބޭނުމަށް 15 ފަރާތަކުން ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާކަން ވެސް އެ ބަޔާނުން އެނގެ އެވެ.
މި އާމްދަނީއަކީ މިދިޔަ އަހަރުގެ މާޗު މަހު ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ލިބުނު ކުރިއެރުމެކެވެ. އެ އިސްލާހުގެ ދަށުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް އަވަހަށް ފައިސާ ދެއްކި ފަރާތްތަކަށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އިތުރު 49 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ އެއްފަހަރާ ދައްކަން ޖެހެނީ ފަސް މިލިއަން ޑޮލަރެވެ. އަދި 20 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، 25 އަހަރަށް ދައްކަން ޖެހެނީ ތިން މިލިއަން ޑޮލަރެވެ. ނަމަވެސް، އެ ހަ މަހުގެ މުއްދަތު ފާއިތުވުމަށްފަހު 49 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން އޮތްގޮތުން ނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ މަގުން ފީއެއް ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަހާލައިގެން ދައްކާ ނަމަ، ކޮންމެ އަހަރަކަށް ނަގަމުން އައީ ދެ ލައްކަ ޑޮލަރެވެ.
ކޮމެންޓު ފޮނުވާ