މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 634 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓަށް ބަލާއިރު، މިހާތަނަށް ދޫކުރި ފައިސާއަކީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 537 މިލިޔަން ރުފިޔާއެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް ޖުމްލަ 2.5 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އަހަރު ނިމުނުއިރު އިތުރު 8 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އޭގެ ކުރީ އަހަރު ކަމަށްވާ 2022 ގައި ދޫކޮށްފައިވަނީ 2.2 ބިލިޔަން ރުފިޔާއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް ހިންގުމަށާއި ރަށްރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މި ފައިސާ ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ލިބިގެންދަނީ ސިޓީ ކައުންސިލްތަކަށެވެ.
ކޮމެންޓު ފޮނުވާ