ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރު ކުރަމުންދާ ހޭދަ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުން ހޭދަކޮށްފައިވަނީ 695.4 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މި މަޝްރޫއުތަކަށް ހޭދަކުރި 857.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 18.9 އިންސައްތަ (162.3 މިލިއަން ރުފިޔާ) ގެ ދަށްވުމެކެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 8.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިހާތަނަށް މިއަހަރު ހިނގާފައިވާ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން އެ ދާއިރާއަށް 182 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ހަކަތައާއި ޔުޓިލިޓީޒްގެ މަޝްރޫއުތަކަށް 137.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، ސިއްހީ ދާއިރާގެ ތަރައްގީއަށް 100.2 މިލިއަން ރުފިޔާ އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 33.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ