ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި، ޓީޗަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލުތަކުގެ ގޭޓުގައި ތަޅުލާފައި ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ ދާދިފަހުން ޖަމާލުއްދީން ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރު ކޮށްފައިވަނިކޮށެވެ. އަދި އޭގެ ފަހުންވެސް އެސްކޫލަށްވަދެ މީހަކު ދަރިވަރުންނާއި، ޓީޗަރުންނަށް އިންޒާރުދީ އަޑުގަދަ ކުރުމާއި ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ސްކޫލުތަކަށް އެންގި އެންގުމުގައި ބުނެފައިވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުވައްޒަަފުންނަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިނިސްޓްރީގެ އެންގުމުގައި ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި އަމަލުކުރާނެ ގޮތްތަކެއް ވެސް ވަނީ އަންގައިފައެވެ.
ސްކޫޅުތަކުގެ ދަރިވަރުންނާއި، ޓީޗަރުންގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ސްކޫލުތަކުން އަމަލުކުރަން އެންގި ގޮތްތކުގެ ތެރޭގައި، މިހާރެކޭ ވެސް އެއްގޮތަށް، ސެޝަންތައް ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ވެސް ސެކިއުރިޓީ ބެލަހެއްޓުމަށް ސަމާލުވުމާއި، ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުމާއި، ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުންކަމަށް ވަނީ ބުނެފައެވެ. އަދި ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސުކޫލުން ކަށަވަރުކުރުމަށްވެސް ވަނީ އަންގާފައެވެ.
އެޑިއުކޭޝަނުން ވަނީ މި ކަންކަން ވަގުތުން ތަންފީޒުކުރަން ފެށުމަށް އަންގައިފައެވެ. ނަމަވެސް ބައެއް ސްކޫލްތަކުގައި މި ކަންކަން ކުރެވޭނެ އިންތިޒާމު ނެތްކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
ކޮމެންޓު ފޮނުވާ