"ވިނަރެސް" ފްލެޓަށް މަހަކު ދައްކަން ރައީސް ޔާމީންގެ ނިންމެވީ 7000 ރުފިޔާ: މުއިއްޒު

"ވިނަރެސް" ފްލެޓަށް މަހަކު ދައްކަން ރައީސް ޔާމީންގެ ނިންމެވީ 7000 ރުފިޔާ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2022 07:41
0

"ވިނަރެސް" ފްލެޓްދޭން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވަނީ މަހަކު 7000 ރުފިޔާކަމަށް ކުރީގެ ހައުސިން މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫގެ ފްލެޓްގެ އަދަދު މަދުކޮށް ބޮޑު އަގުގައި ދިނުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައެވެ. ވިނަރެސް ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި -/17000 ވަރަކަށް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީކޮށް އެތަނުގެ ކުލި އިއުލާނެއް ނުކުރެއެވެ. ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ވިނަރެސްގައި ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ. ވިނަރެސް ގައި 1344 ފްލެޓް ހުންނާނެއެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.

ވިނަރެސް ފްލެޓްތަކުގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ. އަދި އެ ފްލެޓްތައް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ 2.5-2.7 މިލިއަން ރުފިޔާއެވެ. އެގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ނަމަ އަގު ދެ ގުނަވާނެއެވެ. ވިނަރެސް ފުލެޓުތައް ކަމަށް ސަރުކާރުން ނަން ދީފައިވާ ހިޔާގެ މިޑްރޭންޖު ފުލެޓުތަކަށް ބަދަލުވުމަށް ހިޔާގެ 7،000 ފުލެޓުގެ ތެރެއިން ފުލެޓު ލިބުނު 76 ފަރާތެއްވަނީ އެ ފުލެޓު ދޫކޮށްލާފައެވެ. އަދި ގުޅީފަޅުން ކުރިން ފުލެޓު ލިބުނު 91 ފަރާތަކަށް އެ ފުލެޓުތަކުގެ ތެރެއިން ފުލެޓު ވިއްކުމަށްވަނީ ނިންމާފައެވެ.

މިސަރުކާރުން ވިނަރެސް ފްލެޓްތައް ދޭން އުޅޭ އަގުތަކާއިމެދު ކަންބޮޑުވުން ފަޅުކޮށް މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫޢު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރެއްވުމަށް އެދޭކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000 ރުފިޔާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫޢު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރެއްވުން އެދެން. ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000 ރުފިޔާއަށް.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ވިނަރެސް މަޝްރޫއުގެ ޓަވަރުތަކުގެ 100 ފްލެޓް މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ރަށްވެހިކަން ނެތް ފަރާތްތަކަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ. އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ކުރިން ނިންމާފައިވަނީ މާލޭގައި ރަށްވެހިކަން އޮންނަތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

މަހަކަށް ޖުމުލަ 61،000 ރ. އަށް ވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިއެއް ނުވެވެއެވެ. އަދި މާލޭގައި އަމިއްލަ ފްލެޓެއް، އެޕާޓްމަޓްމަންޓްއެއް، 600 އަކަފޓުގެ ބިމެއް، ނުވަތަ ސަރުކާރުގެ ކުރީގެ މަޝްރޫއަކު ފްލެޓެއް ލިބިފައިވާ މީހުނަށް ވެސް މި ސްކީމްގައި ބައިވެރިއެއް ނުވެވެއެވެ.

ވިނަރެސް މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްޤީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.