މަރުގެ އަދަބަކީ އިޚްތިޔާރީ އަދަބަކަށް ހެދުމަށް މެލޭޝިއާއިން ނިންމައިފި

މަރުގެ އަދަބަކީ އިޚްތިޔާރީ އަދަބަކަށް ހެދުމަށް މެލޭޝިއާއިން ނިންމައިފި

މަރުގެ އަދަބު ދިނުން ލާޒިމްކޮށްފައި އޮންނަ ކުށްތަކަށްވެސް ފަނޑިޔާރުންނަށް ފެނިއްޖެ ހާލަތެއްގައި މަރުގެ އަދަބު ނޫން އެހެން އަދަބުތަށް ދެވޭގޮތަށް، މަރުގެ އަދަބަކީ އިޚްތިޔާރީ އަދަބަކަށް ހެދުމަށް މެލޭޝިއާގެ ކެބިނެޓުން ނިންމައިފިއެވެ. މެލޭޝިއާގެ ކެބިނެޓުން މި ނިންމުން ނިންމާފައި މިވަނީ، އެގައުމުގެ ކުރީގެ ސަރުކާރުންވެސް ހަމަ މިނިންމުން ނިންމިތާ 3 އަހަރު ފަހުންނެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓަރު ހުކުރު ދުވަހު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެގައުމުގެ ކެބިނެޓްގެ މި ނިންމުމާއެކު ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް ގާނޫނުތަކަށް މިބަދަލުތައް ގެނައުމަށްޓަކާ ގާނޫނުހަދާ މަޖިިހަށް ހުށަހަޅުއްވާނެ ވަކި ތާރީޚެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މެލޭޝިއާގެ ލޯ މިނިސްޓަރ ވަން ޖުނައިދީ ޓުއާންކު ޖާފަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އެގައުމުގެ ގާނޫނު އަސާސީއާއި އެއްގޮތަށް އެންމެ ރަަގަޅަށް ގެނައުމަށްޓަކާ މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ. ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑައިރެކްޓަރ ފިލް ރޮބަޓްސަން ވިދާޅުވެފައިވާ ގޮތުގައި މެލޭޝިއާގެ އަވައްޓެރި ސިންގަޕޯރ މިއާއި އިދިކޮޅަށް މިސްރާބު ހިފާފައި ވާއިރު، މެލޭޝިއާއިން މި ނިންމި ނިންމުމަކީ ކުރިޔަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމުގައެވެ.

"މި ނިންމުމާއި ގުޅިގެން އުފާ ފާޅުކުރުމުގެ ކުރިން، މި ބަދަލު ގެނައުމަށްޓަކާ މެލޭޝިއާއިން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އެގައުމުން ގެނޭތޯ ބަލަން އެބަޖެހޭ. ސަބަބަކީ ހަމަ މިބަދަލު ގެންނާނެކަމަށް ވައުދުވެ ކުރީގެ ސަރުކާރުތަކުން އެވައުދުތައް ފުއްދާފައި ނުވާތީ،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަނީ މަރުގެ އަދަބަކީ މަޖުބޫރު އަދަބެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން ގެންނެވުމަށްޓަކާ ގާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގާނޫނުހަދާ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އޭގެކުރިން މަހާތީރުގެ ސަރުކާރު ވަނީ ބަދަލުވެފައެވެ.

މެލޭޝިއާގެ ލޯ މިނިސްޓަރ ވަން ޖުނައިދީގެ އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި، މީހުން މެރުމާއި، މަސްތުވާތަކެތި އެތެރެ ކުރުމާއި، ޓެރަރިޒަމް ހިމެނޭ ގޮތުން 34 ކުށަކީ އެގައުމުގައި މަރުގެ އަދަބު ދެވޭ ކުށްތަކެވެ. އަދި މީގެ ތެރެއިން 11 ކުށަކީ މަރުގެ އަދަބު ނޫން އެހެން އަދަބެއް ދެވެން ނޯންނަ ކުށްތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *