ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވުމާއި ގުޅިގެން ލާވްރޯގެ ސާބިއާ ދަތުރުފުޅު ކެންސަލް

ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވުމާއި ގުޅިގެން ލާވްރޯގެ ސާބިއާ ދަތުރުފުޅު ކެންސަލް

Author
ހުސެއިން
06 ޖޫން 2022 03:55
0

ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން، ބަލްކަންގެ ގައުމެއްކަމުގައިވާ ސާބިއާގެ ވަށައިގެން އޮންނަ 3 ގައުމަކުން ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާރގޭ ލާވްރޯވް އެގައުމުގެ ވައިގެ ސަރަހައްދުތަކުން ދަތުރުކުރުމުގެ ހުއްދަ ނުދިނުމާއި ގުޅިގެން ދަތުރުފުޅު ކެންސަލް ކުރަން ޖެހިއްޖެއެވެ.

ސާބިއަން ޑެއިލީ ވެސާރންޖް ނޮވޮސްޓި ނޫހުން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާގެ ފޮރިންގ މިނިސްޓަރު އެގައުމުތަކުގެ ވައިގެ ސަރަހައްދުން ދަތުރުކުރުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެސެޑޯނިއާ، ބަލްގޭރިއާގެ އިތުރުން މޮންޓެނީގްރޯއެވެ.

އިންޓަރފެކްސް ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާގޮތުގައި ސީނިއަރ ޑިޕްލޮމެޓިކް ފަރާތްތަކުންވަނީ ސާބިއާގެ މި މީޑިއާ ރިޕޯޓުތައް ޔަގީން ކޮށްދީފައެވެ.

ވައިގެ ސަރަހައްދުތައް ބަންދު ކުރުމާއި ގުޅިގެން ރަޝިއާގެ ފޮރިންގ މިނިސްޓަރުގެ ދަތުރުފުޅު ކެންސަލްކުރަން ޖެހުނުކަމުގެ ރިޕޯޓުތަކާއި ގުޅޭގޮތުން ރަޝިއާއިން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ސާރބިއާގެ ވެރިރަށް ބެލްގްރޭޑަށް ލާވްރޯވް ވަޑައިގަތުމަށް ހަމަޖެހިފައިވަނި މިހަފްތާގެ ހޯމަދުވަހުއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން ހުޅަނގާއި ޔޫރަޕްގެ ގިނަ ގައުމުތަކުންވަނީ ލާވްރޯވްވެސް ހިމެނޭގޮތުން ރަޝިއާ ސަރުކާރުގެ އިސް ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ހަނގުރާމާއިގެ ސަބަބުން ޔޫރަޕްގެ ވައިގެ ސަރަހައްދު ވަނީ ރަޝިއާގެ ހުރިހާ ފްލައިޓްތަކަށް ބަންދު ކުރެވިފައެވެ.

ރަޝިއާއާއެކީ ސަގާފަތާއިބެހޭ ހުރިހާ ގުޅުމެއް ކަނޑާލާފައިވި ނަމަވެސް، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމާއި ގުޅިގެން ވަކިފަރާތަކަށް ޖެހުމަށް ސާބިޔާވަނީ ފަސްޖެހިފައެވެ. އަދި ސާބިއާއަކީ ރަޝިއާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެއްވެސް ނޫނެވެ.

ފާއިތުވެދިޔަމަހު، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއާއި ސާބިއާގެ ރައީސް އެލެސަންޑަރ ވޫސިކް ވަނީ، ރަޝިއާއިން ސާބިއާއަށް ފޯރުކޮށްދެމުންދާ ގުދުރަތީ ގޭސް ފޯރުކޮށްދިނުން ހުއްޓުމަކަށް ނުގެނައުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް ރަޝިއާއިންވަނީ އެގައުމުން ފޯރު ކޮށްދޭ ގޭހަށް ރުބެލްއިން ފައިސާ ދެއްކުމަށް ދެކޮޅު ހެދުމާއި ގުޅިގެން ގޭސް ފޯރުކޮށްދިނުން ހުއްޓާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.