ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ މައްސަލާގައި ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް ދައުލަތާއި، ދަޢުވާ ރައްދުވާ ފަރާތުންވެސް ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 6ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިންބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވަނީ، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮން ގޮއްވާލުމުގައި ޢަމަލީގޮތުން ބައިވެރިވި އަޙްމަދު އަދުހަމްގެ މައްޗަށް ކުށް ވަނީ ސާބިތުވެފައެވެ. އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
މި މައްސަލާގައި މިއަދު ބާއްވާފައިވަނީ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަށް ހުށައެޅުމެވެ.
ހެނދުނު 11އިން ފެށިގެން 10 ގަޑިއިރަށް ދެމިގެންދިޔަ މި ޝަރީޢަތުގެ އަޑުއެހުމުގައި ދެފަރާތުންވެސް ވަނީ ހެކިންނާއި ގުޅޭ ގިނަ ހުށައެޅުންތަކެއް ހުށައަޅާފައެވެ. މިގޮތުން ދައުލަތުން އެދިވަޑައިގަތީ ހުށައަޅަ ސިއްރު ހެކިންގެ ބަޔާންތައް ސިއްރުކުރުމަށާއި، އެމީހުންގެ ހެކިބަސް ސިއްރުން ނެނގޭނެ ގޮތް ހަމަޖައްސައިދެއްވުމަށެވެ. ސަބަބަކީ އެމީހުންނަކީ ކޮންބައެއްކަން އެނގިއްޖެނަމަ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެތީއެވެ. މި މައްސަލާގައި ދައުވާލިބޭ ތަހުމީން ފިޔަވައި ހުރިހާ އެންމެންވެސް ވަނީ ހުށައެޅުން ހުށައަޅާފައެވެ.
މި މައްސަލާގައި މުޖާޒްގެ ފަރާތުން ހުށައެޅި ދިފާއީ ހެކިތައް ބަލައި ނުގަތުމަށް ދައުލަތުގެ ފަރާތުން އެދިވަޑައިގަތެވެ. އެއީ 2020 ވަނަ އަހަރުން ފެށިގެން އޭނާ އުޅެމުން ދިޔަ ގޮތް ހާމަކުރުމަށް ހުށަހަޅާފައިވާތީއެވެ. ދައުލަތުން ވިދާޅުވީ، އެހެކިން މެދުވެރިކޮށް ދިފާޢުން ސާބިތުކުރަން ބޭނުންވާ ކަންކަމަކީ މިމައްސަލައާއި ގުޅުން ހުރި ކަންތައްތަކެއް ނޫންކަމަށެވެ. ނަމަވެސް މުޖާޒުގެ ދިފާއީ ވަކީލު ވިދާޅުވީ، ހެކިން ހުށަހެޅީ 2020 ވަނަ އަހަރުން ފެށިގެން ބޮމުގެ ހަމަލާ ރާވަމުންދިޔަ ކަމަށް ބުނާއިރު، އޭރު އޭނާ ދިރިއުޅުނީ މާލޭގައިނޫންކަން ސާބިތުކުރުމަށްކަމަށެވެ. އަދި އެއީ ދައުވާއާއި ގުޅޭކަމެއް ނޫންކަމަށްވެސް މުޖާޒުގެ ވަކީލު ވިދާޅުވިއެވެ.
މިމައްސާލަގައި ހިމެނޭ އިސްހާގާއި، ފަހުމީ އަދި ނާޒިމްގެ ފަރާތުން ހުށައެޅި ހުށައެޅުންތަކުގެ ތެރޭގައި މި މައްސަލައާއި ގުޅިގެން ދަޢުވާކޮށް ހުކުމްކޮށްފައިވާ އެއްވެސް މީހެއް ތަހުގީގަށް ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ބޭނުން ނުކުރުމަށް އެދިފައިވެއެވެ. އެފަދަ ބަޔާނެއްހެކީގެ ގޮތުގައި ބޭނުންކޮށްފިނަމަ އަދުލްއިންސާފު ޤާއިމްކުރުމަށް ހުރަސް އެޅޭނެކަމަށް ދިފާއީ ވަކީލުން ފާހަގަކުރިއެވެ.
އެ ވާހަކައަށް ރައްދު ދެއްވާ ދައުލަތުން ވަނީ އެފަދަ އެއްވެސް މީހަކު ތަހުގީގަށް ދީފައިވާ ބަޔާނެއް ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައި ނުވާނެކަމަށެވެ.
ދައުވާލިބޭ ފަހުމީގެ ފަރާތުން ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ ސީސީޓީވީ ފޫޓޭޖުތައް ބަލައި ނުގަތުމަށް އެދިފައެވެ. އެގޮތުން އަމިއްލަތަންތަނުން ހޯދާފައިވާ ފޫޓޭޖުތައް ބަލައި ނުގަތުމަށް ފަހުމީގެ ފަރާތުން އެދުނެވެ. ހަމައެހެންމެ އިސްހާގުގެ ފަރާތުންވެސް ވަނީ އަމިއްލަ ފަރާތްތަކުން ފޫޓޭޖުތައް ހޯދުމަށް ކޯޓުން ހޯދާފައިވާ އަމުރުތައް ހާމަކޮށްދިނުމަށް އެދިފައެވެ.
އެކަމަށް ރައްދު ދެއްވައިި ދައުލަތުން ވަނީ ދައުވާ ރައްދުވާ މީހުންގެ ޢަމަލުތައް ދެނެގަތުމަށް އަމިއްލަ ތަންތަނުން ފުލުހުން ސީސީޓީވީ ފޫޓޭޖު ހޯދާފައިވަނީ ކޯޓު ޢަމުރެއްގެ ދަށުން ނޫންކަމަށެވެ. އެ ތަކެތި ހޯދާފައިވަނީ އެތަންތަނުގެ ވެރިފަރާތްތަކުގައި އެދިގެން އެމީހުން އެތަކެތި ފީރުކޮށްދިނުމުންކަމަށެވެ.
މި މައްސާޅަގައި ދައުވާރައްދުވާ އިސްހާގުގެ ފަރާތުން އިތުރަށް އެދިފައިވަނީ، ހަމަލާ ދިން ސަރަހައްދުގައި އޭނާ ހަރަކާތްތެރިވިކަމށް ދައްކައިދޭ ސީސީޓީވީ ފޫޓޭޖުގެ ރޯ ފޫޓޭޖު ފޯރުކޮށްދިނުމަށެވެ. އެއީ އެ ފޫޓޭޖުތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން އަމިއްލައަށް ތަހުލީލުކުރުމަށްކަމަށް ބުންޏެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުންބަލާ މި މައްސަލާގައި ދެފަރާތުން ހުށައަޅާ ހުށައެޅުންތަކާމެދު ގޮތެއް ނިންމާނީ މިމަހުގެ 9ވަނަ ދުވަހުކަމަށް ވަނީ އިއުލާންކޮށްފައެވެ. ޤާޟީ އާދަމް މުޙައްމަދު ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ޤާޟީ މުޙައްމަދު މިސްބާހާއި، ޤާމީ ޞަފްޢަތު ޙަބީބެވެ.
މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ރައީސް ނަޝީދުގެ ވަކީލުން ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.