ދައުލަތުގެ މީޑިއާގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަނީ

ދައުލަތުގެ މީޑިއާގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖޫން 2022 08:32
0

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ވޭތެވެދިޔަ 14 މަސްދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް އެކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައިނުވުމުގެ ސަބަބުން ކުންފުނީގެ އޮޑިޓިންގެ މަސައްކަތް އައުޓްސޯސް ކުރުމަށް ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފާއިތުވި 14 މަސް ދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ ވަރަށް އޮޑިޓް ޑިޕާޓްމަންޓަށް ހާސިލްވެފައިނުވާ ކަމަށެވެ. އެހެންވެ، ކުންފުނީގެ އޮޑިޓް ކޮމިޓީން ނިންމާފައިވާ ގޮތަށް އޮޑިޓިންގެ މަސައްކަތްތައް އައުޓްސޯސް ކުރަން ބޯޑުން ނިންމީ ކަމަށް ވަނީބުނެގައެވެ.

އޮޑިޓިންގެ މަސައްކަތްތައް އައުޓްސޯސްކުރަން ނިންމުމުގެ ކުރިން އޮޑިޓް ކޮމިޓީން ވަނީ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ރިވިއުއެއް ހަދައިފައެވެ. ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖައްސުން ކަމަށް ނިންމީ އެ ކަންކަމަށް ބެލުމަށް ފަހުގައެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ކުންފުނީގެ އޮޑިޓް މަސައްކަތްތައް ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ރަނގަޅަށް ކޮށްފައިނުވާކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހަށް ކުންފުނީގެ އޮޑިޓް ރިޕޯޓެއް ހުށަހަޅަންޖެހޭއިރު، މިދިޔަ އަހަރުވެސް އެކަންކޮށްފައި ނުވާކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ. އެހެންކަމުން އޮޑިޓްކުރުމުގެ މަސައްކަތް ކުންފުނިން ބޭރުގެ ބަޔަކާއި ހަވާލުކުރުމަށް ނިންމާފައިވަނީ، ކުންފުނި އޮޑިޓްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 14 މަސްދުވަހުގެ މުއްދަތު ތެރޭގައި ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓްއިން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ލިޔުންތަކެކެވެ. މިގޮތުން މި ލިޔުންތައް އިތުރަށް ތަހުޤީޤު ކުރުމަށް މިހާރު ވަނީ އޭ.ސީ.ސީއަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.