ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސްއަކީ ބްރިޖު އަޅާ ބައެއް ނޫންކަމަށާއި، އެކުންފުންޏަށް ބްރިޖު ނޭޅޭނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މލެ ސިޓީ ހުލުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫޢުގެ މާލެއާއި ބިލިމާލެ ބްރިޖު ނިންމާ އަންނަ އަހަރުގެ ޖުލައި މަހު ދަތުރުކުރަން ފެށޭވަރުވާނެކަމަށް އެކުންފުނިން ބުނުމާއި ގުޅިގެން ފާޑުވިދާޅުވަމުންނެވެ. ޝުޖާޢު ވިދާޅުވީ، ތިލަމާލެ ބުރިޖުގައި އަންނަ ޖުލައި މަހުގައި ދަތުރުކުރެވޭނޭ ބުނަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށާއި، ބުރިޖެއް އެފްކޮނަކަށް ނޭޅޭނެކަމަށެވެ. އެއީ ބުރިޖު އަޅާބައެއްނޫންކަމަށާއި، ރައްޔިތުން ޖުލައިމަހު ދުއްވަންޖެހޭނީ ޗައިނާ-މޯލްޑިވްސް ބްރިޖުގަ ”ތިލަމާލެ“ ބުރިޖޭ ހިތައްއަރުވައިގެންކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްވެރިންގެ ޓީމުން އެކުންފުނީގެ މައި ޢިމާރާތަށް ކުރި ޒިޔާރަތުގެ ތެރެއިން ފޯރުކޮށްދިން މަޢުލޫމާތުގައި އެފްކޮންގެ ވެރިން ހުށައެޅި ޕްރެޒެންޓޭޝަންގައި ވަނީ އެކުންފުންޏަކީ 1959ވަނަ އަހަރު ކުންފުނި އުފެދިގެން މިހާތަނަށް އައިއިރު، ބިޔަ ބްރިޖުތައް ހިމެނޭހެން، ޢުމްރާނީ ތަރައްޤީގައި ބޮޑެތި ތަޖުރިބާތަކެއް ކުރިއަށް ގެންދިޔަ ކުންފުންޏެއްކަމެވެ. ޢުމްރާނީ ތަރައްޤީގެ ކާމިޔާބު ބޮޑެތި މަސައްކަތްތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ.
ކަނޑައެޅިފައިވާ ތާރީޚަށް ތިލަމާލެ ބްރިޖުގެ މަޝްރޫޢު ނިންމާލެވޭނެތޯ ނޫސްވެރިން އުފެއްދި ސުވާލަށް ޖަވާބުދެއްވަމުން އެކުންފުނީގެ ފަރާތުން ބްރިޖުގެކަންކަން އިސްވެ ބައްލަވާ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު ވިދާޅުވީ، އެކުންފުނިން ހަވާލުވާ މަޝްރޫޢުތައް ބަރާބަރަށް، ސީދާ ދުވަހަށް ނުވަތަ އޭގެ ކުރިންވެސް ނިންމުމުގެ ރިކޯޑް އޮންނާނެކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖުވެސް ކަނޑައެޅިފައިވާ ތާރީޚަށް ނިންމޭނެކަމުގެ %100 ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނިން ހިއްސާކުރި މަޢުލޫމާތުތައް ދައްކާގޮތުގައި މިހާތަނަށް 150އަށްވުރެ ގިނަ ބްރިޖުގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެތެރޭގައި އެއްގަމާއި ކޯރުތަކާއި ކަނޑު ހުރަސްކޮށްވެސް އެކުންފުނިން ވަނީ ބްރިޖު އަޅާފައެވެ. މީގެ އިތުރުން ދުނިޔޭގެ 50އަށް ވުރެ ގިނަ ޤައުމުގައި އެކުންފުނީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.
ތިލަމާލެ ބްރިޖާ ގުޅޭގޮތުން އެފްކޮންސްއިން ހިއްސާކުރި މަޢުލޫމާތުގައި ވާގޮތުން މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތެވެ. އެ ސާރވޭގެ %50އަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައެވެ. ކަނޑު ގަދަވުމުގެ ސަބަބުން ސާރވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރިނަމަވެސް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ސާރވޭގެ މަސައްކަތް ނިންމާލެވޭނެކަމަށް އެކުންފުނިން ބުންޏެވެ.
އެފްކޮންސް އިން ބުނީ، ބްރިޖް މަޝްރޫޢުގެ ދަށުން ކުރާ ސާރވޭއަށް ރިޔާއަތްކޮށް ޑިޒައިންގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާ، މައި ބުރިޖު އެޅުމަށްޓަކައި އަޅާ ވަގުތީ ބްރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. މީގެ އިތުރުން ބްރިޖުގެ ކޮންކްރީޓް ޓެސްޓިންގެ މަސައްކަތްވެސް ވަރަށް ކާމިޔާބުކަން ފާހަގަކޮށް އެކުންފުނިން ވަނީ 2024ގައި ބްރިޖުގެ މަޝްރޫޢު މުޅިން ނިންމާލެވޭނެކަމަށް ބުނެފައެވެ. އަދި މާލެއާއި ވިލިމާލެ ގުޅުވާލާ ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށޭނެކަމުގެ ޔަޤީންކަންވެސް އެކުންފުނިން ދިނެވެ. އަދި ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލާ ނިމޭނެކަމަށްވެސް އެކުންފުނިން ބުންޏެވެ.
ބްރިޖުގެ މަސައްކަތަށް ސައިޓް ޤާއިމްކުރުމުގެ މަސައްކަތްކުރިއަށްދާއިރު، މިހާރު 88 އިންޖިނިއަރުންނާާއެކު ބްރިޖުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި އަހަރު ނިމޭއިރު 164 އިންޖިނިއަރުން ބްރިޖު މަސައްކަތް ކުރުމަށް ރާއްޖޭގައި ތިބޭނެކަމަށް އެކުންފުނިން ބުންޏެވެ.
ބުރިޖުގެ މަސައްކަތް ކުރުމަށްޓަކައި މިހާތަނަށް 500 މަސައްކަތު މީހުން ރާއްޖެ އައިސްފައިވާކަމަށާއި، މި އަހަރު ނިމޭއިރު އެ އަދަދު 1،227އަށް އަރާނެކަމަށްވެސް އެފްކޮންސްން ބުންޏެވެ.
ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްގެންދާ ސަރަހައްދަކީ މުރަކަ ފަރެއްކަމުގައިވުމުން، އެ ސަރަހައްދުގެ ދިރޭތަކެތި އެހެން ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެފްކޮންސްއިން ބުންޏެވެ. އަދި ބްރިޖު އަޅާ ސަރަހައްދަށް އަރާ ގަސްތައް އެހެން ދިމާލަކަށް ބަދަލުކުރުމާއި، ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ އެހެން ސަރަހައްދުތަކަށް ކިސަޑު ފެތުރުނަ ނުދިނުމަށް ޚާއްސަ ވަސީލަތް ބޭނުންކުރުން ފަދަ ކަންކަން ކުރަމުން އަންނަކަމަށްވެސް އެކުންފުނިން ބުންޏެވެ.