ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޅުމަށް ނިންމާފައިވާ 6 އެއަރޕޯޓް މި ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމާ ނުލެވޭނެކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޑޮމެސްޓިކް އެއަރޕޯޓްތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ އެއަރޕޯޓްތަކަކީ، ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތި. ވިލުފުށި، ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގައި ތަރައްޤީކުރާ އެއަރޕޯޓެވެ. އެ ރަށްތަކުގައި ކްރޮސް ސަބްސިޑީ މޮޑެލްއަށް އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެތެރޭގައެވެ.
ށ.ބިލަތްފަހީގައި ސަރުކާރުން ތަރައްޤީކުރަން އިއުލާންކޮށްފައިވާ އެއަރޕޯޓުގެ އެންމެ ފަހުގެ ތަފްސީލް ހޯދުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާ އިއްޔެގެ ޖަލްސާގައި ވަނީ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ފެށުމަށް ތައްޔާރުވާ އެއަރޕޯޓުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ބިލަތްފަހީގައި 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެއް އަޅަން ނިންމާ، އެ މަސައްކަތް ޑިޒައިންކޮށްފައިވާކަމަށެވެ.
ލަތްފަހީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށްފަހު ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ބިލަތްފަހީގެ އެއާޕޯޓް މަޝްރޫއަށް 23 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެއާޕޯޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލުމުން 12 ޕްރޮޕޯސަލް ލިބިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ފައިސާ ހުރިކަން ޔަގީންކޮށްދޭ ކުންފުނިތަކާ އެކު އެމްއޯޔޫއެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެއްބަސްވުމެއްގެ ޑްރާފްޓެެއް ހަދައި ބަންޑާރަނައިބުގެ ލަފާފުޅަކަށް ހުށަހަޅާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުން ތަރައްޤީކުރަން ނިންމި 6 އެއަރޕޯޓްގެ މަސައްކަތަާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، އެ މަޝްރޫޢުތައް މިސަރުކާރުގެ ދައުރުގެ ތެރޭގައި ނުނިންމޭނެކަމަށެވެ. އނަމަވެސް މަސައްކަތްތައް ފެށިއްޖެނަމަ ދައުރު ނިމުނަސް ކޮންމެވެސް ގޮތަކަށް ކުރިއަށްދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިހެން ވިދާލުވެފައިވާއިރު، މީގެ ކުރިންވެސް މަޖިލީހުގައި އަސްލަމް ދެއްކެވި ވާހަކަފުޅުތަކަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ވަޢުދުފުޅަކީ ފުއްދޭނެ ވަޢުދުފުޅުތަކެއް ނޫންކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ