ނުވަ އަހަރުގެ އައިޝާގެ މަރަށް އިންސާފު ހޯދައިދޭނެކަމަށް ވައުދުވެއްޖެ

ނުވަ އަހަރުގެ އައިޝާގެ މަރަށް އިންސާފު ހޯދައިދޭނެކަމަށް ވައުދުވެއްޖެ

ސްރީލަންކާގެ ބަންޑާރަގަމާ، އަތޫލުގަމާއިން ގެއްލުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ މަރާލާފައި ވަނިކޮށް ފެނިފައިވާއިރު، އެމަރަށް އިންސާފު ހޯދައި ދެއްވާނެކަމަށް ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވައުދުވެވަޑައިގެންފިއެވެ.

ގެއްލިގެން ހޯދަމުންދިޔަ އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ، އޭނާގެ ގެއާ ކައިރީގައި ހުންނަ މާޝްލޭންކުންނެވެ. އޭނާގެ ހަށިގަނޑު ހޯދާފައިވަނީ އިއްޔެގެ ވަގުތެއްގައި އެ ހިސާބުގައި ދިރިއުޅޭ މީހުންނެވެ. ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ ފާތިމާ އައިޝާ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ގެއްލުނީ ހުކުރު ދުވަހު ހެނދުނު 10.00 އިން ފެށިގެންނެވެ.

އައިޝާއަކީ ކާބޯތަކެތި ގަތުމަށްޓަކައި ކައިރި ފިހާރައަކަށް ދިޔަ ކުއްޖެކެވެ. އޭނާ އެނބުރި ގެއަށް ނައުމުން ފުލުހުންނަށް ޝަކުވާ ހުށަހެޅީއެވެ. ސީސީޓީވީ ކެމެރާއަކުން ލިބިފައިވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެ އަންހެން ކުއްޖާ އެ ފިހާރައިން އެ ކުއްޖާ ގަންނަން ދިޔަ އެއްޗެހި ގަނެގެން އެތަނުން ނިކުމެގެން ދިޔައެވެ.

ބަންޑާރަގަމާ ޕޮލިހާއި ޕެނަޑޫރާ ޕޮލިސްގެ ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަނާއި އިންޓެލިޖެންސް އޮފިސަރުން ގުޅިގެން އެ އަންހެން ކުއްޖާ ގެއްލުނު މައްސަލައިގެ ތަހުގީގުތައް ވަނީ ފަށައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގު ކުރާ ޓީމުތަކުގެ ފޯކަސް ހުރީ ޕަނަޑޫރާ ސަރަހައްދުގައި ދިރިއުޅޭ އެ އަންހެން ކުއްޖާގެ ވަރަށް ގާތް މީހެއްގެ މައްޗަށެވެ.

މައުސޫމު، ކުޑަކުއްޖަކު މަރާލާފައި ވާ އިރު، ގާތިލުން ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށްޓަކައި ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ގޮތަބަޔާ ވަނީ ވައުދު ވެވަޑައިގެންފައެވެ. އާއިޝާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ގޮތަބަޔާ ވިދާޅުވީ، ކުޑަ ކުއްޖާގެ އާއިލާއަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާ ކަމަށާ، އެ ކުޑަ ކުއްޖާ މަރާލަފައި ވަނީ އެއްވެސް ބޭނުމެއް ނެތް ގޮތެއްގައި ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ލަންކާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އާއިޝާގެ މަރުގެ މައްސަލާގައި، އޭނާގެ ބައްޕައާވެސް ގިނަ އިރުތަކެއް ވަންދެން ސުވާލު ކޮށްފައިވެއެވެ. އައިޝާ ގެއްލުނު މައްސަލާގައި ތަހުގީގުކުރާ ފަރާތްތަކުން ވަނީ 20 އާ ގާތްކުރާ އަދަދަކަށް މީހުންގެ ބަޔާން ނަގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *