ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅާއި އެއްގޮތަށް ގްރޭޓާމާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަށް ދަތުރު ދިއުމަށް ހާއްސަކޮށްފައިވާ ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓެލްކޯގެ އަމާޒަކީ މިމަސައްކަތް 15 ދުވަސް ތެރޭ ނިންމުމެވެ.
މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ކުޑަގިރީގައި ސްޓެލްކޯއިން ހަވާލުވެފައިވަނީ އެ ރަށުގެ މަގުބައްތި ޖެހުމާއި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމެވެ. ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ނިންމާފައެވެ.
ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސްޓެލްކޯއާއި ހަވާލުވެފައިވާ އެންމެހާ މަސައްކަތެއް ނިންމާލުމެވެ. މީގެއިތުރުން ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު އިންސައްތައެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްކުރުމަށްވެސް ސްޓެލްކޯއިން ވަނީ ވިސްނަފައެވެ.
ރައީސް @ibusolih ގެ ވައުދުފުޅާއި އެއްގޮތަށް ގްރޭޓާމާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަށް ދަތުރު ދިއުމަށް ހާއްސަކޮށްފައިވާ ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް އެޅުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި. ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމްކުރުމަށްްޓަކައި، pic.twitter.com/R1t1HhkNQ3
— STELCO (@STELCOMALDIVES) May 26, 2022
ނައިބް ރައީސް ފައިސަލް ނަސީމާއި، ކަމާއި ގުޅުންހުރި އިދާރާތުން މިއަދު ކުޑަގިރިއަށް ކުރި ދަތުރުގައި އެރަށުގައި އެޗްޑީސީން އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ބިންގާވެސް ބވަީ އަޅާފައެވެ. މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރި ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
މާޅެ ކައިރިން ދަތުރު ދިއުމަށް ހަދާ ރަށަކީ ޢާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ޚިދުމަތްތަކެއް ހިމެނޭގޮތަށް ހަދާ ރަށެކެވެ. ޕިކްނިކް އައިލެންޑްގެ 200މީޓަރު ސަރަޙައްދަކީ ގޮނޑުދޮށް ސަރަޙައްދެވެ. މީއީ މޫދަށް އެރުމަށާއި، އަދި ބީޗް ކުޅިވަރުތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދެވެ. ޕިކްނިކް އައިލެންޑްގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ޢާއިލީ ކޮޓަރިތަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް، ނަރސިންގ ރޫމް، އައި ލޮކަރސް، އިވެންޓް ސްޕޭސް އަދި ނަމާދުކޮޓަރި ހިމެނެއެވެ.
މި ރަށް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކުއެވެ. އެގޮތުން ކުޑަކުދިން ކުޅޭ ސަރަހައްދު، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދު، ބާބަކިއު ސަރަޙައްދު ހިމެނެއެވެ. މި ރަށް ތަރައްޤީކުރަމުން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތައް ކުޅިގެންނެވެ. ދަތުރުދިޔުމަށް ތަރައްޤީ ކޮށްފައިވާ ރަށާކީ މާލެއިން ފުރައިގެން ގާތްގަޑަކަށް 20 މިނެޓްގެ ދަތުރަކުން ދެވޭ ރަށެކެވެ.
މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައިވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ.