ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަކުނުވިދުރީގެ ފުރަތަމަ ކޭސް ޔޫއޭއީން ފެނުމާއި ގުޅިގެން މިބައްޔާ ދޭތެރޭ ސަމާލުވެ ތިބުމަށް އެގައުމުގެ ޑޮކްޓަރުން ގޮވާލައިފިއެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން (MoHAP)އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހަފްތާގެ އަންގާރަ ދުވަހުވަހު އެގައުމުން ވަނީ މަނުކުވިދުރީގެ ފުރަތަމަ ކޭސް ފެނިފައެވެ. އަދި ޔޫއޭއީ ވެގެން މިދިޔައީ އަރަބި ގައުމުތަކުގެ ތެރެއިން މިބަލި ފެނުނު ފުރަތަމަ ގައުމުކަމުގައެވެ.
ޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީ WAMއިން ހާމަ ކޮށްފައިވާ ގޮތުގައި އަގައުމުގައި މަކުނުވިދުރި ފެނިފައިވަނީ އުމުރުން 29 އަހަރުގެ އަންހެނެއްގެ ގައިންނެވެ. އަދި އޭނާއަކީ ހުޅަނގު އެފްރިކާ ސަރަަހައްދުން އައި މީހެއް ކަމަށާއި، އޭނާއަށް ޔޫއޭއީގެ ސިއްޙީ އިދާރާތަކުން މިހާރު ފަރުވާ ދެމުންދާ ކަމަށްވެސް WAMއިން ރިޕޯޓު ކޮށްފައި ވެއެވެ.
ޔޫއޭއީގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި އެގައުމަކީ ދަތުރުވެރިންގެ މައި ހަބަކަށް ވާތީ އެގައުމުން މަކުނުވިދުރު ފެނުމަކީ އެކަށިގެންވާ ކަމެއް ކަމުގައި ކުރިންވެސް ވަނީ ލަފާ ކޮށްފައެވެ.
"މަކުނުވިދުރި އަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާ ސަރަހައްދުން ފެންނަމުން އައި ވައިރަލް ޒޫނޮޓިކް ބައްޔެއް،" އެންއެމްސީ ރޯޔަލް ހޮސްޕިޓަލް ދުބާއީ އިންވެސްޓްމަންޓް ޕާރކްގެ އިންޓާރނަލް މެޑިސިން ސްޕެޝަލިސްޓު ޑރ. ކާރތިޔެން ޑަކްޝިނަމުރތީ ވިދާޅު ވެފައިއެވެ.
"އެފްރިކާ ބައްރަށް ނިސްބަތް ނުވާ ގައުމުތަކުން ފަހަކަށް އައިސް މިބަލި ފެންނަމުންދާ ދިއުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މައްސަލައެއް،" ޑރ. ކާރތިޔެން ޑަކްޝިނަމުރތީ ވިދާޅުވެފައި ވެއެވެ.
މަކުނުވިދުރިއަކީ ގައިން ކަނޑައިގެން ގޮސްފައި ހުންނަ ތަނެއްގައި ޖެހުމުން، އަދި ގައިގެ ދިޔައިންނާއި، ބޭނުން ކޮށްފައި ހުންނަ އަންނައުނުންނާއި ބެޑްޝީޓްފަދަ ތަކެއިންނާއި އަދި އޭގެ އިތުރުން ނޭވާލާ ނިޒާމުގެ ޒަރީއާއިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެކެވެ.
އެހެންނަމަވެސް، މިހާރު ގިނަ ގައުމުތަކުގައި މަކުނުވިދުރި ފެތުރެމުންދަނީ ސައިންވެރިންނަށް ހައިރާންކަން ގެނުވަމުންނެވެ. ސަބަބަކީ، މަކުނުވިދުރިއަކީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ނުވެފައި، އާންމުކޮށް ބަލި ފެތުރިގެން ދިއުމުގެ ރިސްކުވެސް ކުޑަވުމުގެ ސަބަބުންނެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްއިން ހާމަ ކޮށްފައިވާ ގޮތުގައި، މަދުން ނޫނީ ނުފެތުރޭ، ވައިރަކުން ޖައްސާ މިބައްޔަކީ ޖެހުމަށްފަހު އާންމުކޮށް މަދު ހަފްތާތަކެއްގެ ތެރޭގައި އަމިއްލައަށް ރަގަޅުވެގެން ދާ ބައްޔެއް ކަމުގައެވެ. އަދި ހާމަކޮށްފައިވާ ގޮތުގައި، މިއީ ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔަކަށް ނުވުމާއެކު، މިބައްޔަކީ އާންމު ސިއްޙަތަށް ހުރި ނުރައްކަލަކަށް ވެގެންދިއުމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައެވެ.
ޑަބްލިއުއެޗްއޯއިން ފާއިތުވެދިޔަ ހަފްތާގެ ހުކުރުދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފަހުން ފެނިފައިވާ މި ބަލީގެ އައުޓުބްރޭކްއަކީ އާންމުކޮށް މިބަލި ފެންނަ އުސޫލާއި ޚިލާފަށް ފެނިފައިވާ އައުޓްބްރޭކެއް ކަމުގައެވެ. ސަބަބެއްކަމުގައި ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، މިބަލި ފެންނަމުންދަނީ ބަލި އާންމުކޮށް ފެތުރެމުން ގޮސްފައިވާ ގައުމުތަކުން ކަމުގައި ނުވާތީއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ، އެ ޖަމިއްޔާއިން މިހާރުދަނީ، މިބަލި ފެތުރެމުންދާ ގޮތް ދެނެގަތުމަށާއި އަދި ބަލީގެ އަސަރު ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމުގައެވެ.