ވިނަރެސް ފްލެޓުން ބޮޑުބައި މާލޭ ރައްޔިތުންނަށް

ވިނަރެސް ފްލެޓުން ބޮޑުބައި މާލޭ ރައްޔިތުންނަށް

ހުޅުމާލޭގައި އަޅަމުންދާ ވިނަރެސް ފްލެޓުތަކުން ބޮޑު ބައި ދޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވިނަރެސް ފްލެޓްތައް ޖުލައި މަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރެވޭނެ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ޔަގީންކަން ދެއްވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ދެން އެންމެ ފުރަތަމަ ބަޔަކު ދިރިއުޅެން ފަށާނީ ވެސް ވިނަރެސް ފްލެޓްތަކުގައި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތައް މާލޭގައި ޒަމާންތަކެއް ވަންދެން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ދޭނެ ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ދޭނީ އަންނަ ޖުލައި މަހު ނިންމަާ ވިނަރެސް ފްލެޓްތަކުން ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ވިނަރެސް ފްލެޓްތައް މާލޭގައި ދިިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ދޭނެ މިންވަރެއް އަސްލަމް ވިދާޅެއް ނުވެއެވެ. އަދި އޭގެ ތަފްސީލު މިވަގުތު ދޭން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހެދުމަށް ނިންމާފައިވެއެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގައެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެއެވެ.

ވިނަރެސް މަޝްރުޢޫގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. އަދި މިއެޕަރޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *