އިންޑިއާ އައުޓް ހަރަކަތަށް ޚަރަދުކުރާ މައިގަނޑު އެކަކީ މުހައްމަދު: ފުލުހުން

އިންޑިއާ އައުޓް ހަރަކަތަށް ޚަރަދުކުރާ މައިގަނޑު އެކަކީ މުހައްމަދު: ފުލުހުން

Author
މުޙައްމަދު ޖިމީ
22 މެއި 2022 02:01
0

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތަށް ޚަރަދުކުރާ އެއް ފަރާތަކީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

އިންޑިއާ އައުޓް ރާވާ ހިންގަނީ މުޙައްމަދު އިސްމާޢީލްކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ދެފަހަރެއްގެ މަތިންހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ޙާޒިރުކުރުމުންވެސް ދެފަހަރުވެސް ވަނީ ދޫކޮށްލާފައެވެ. ފުރަތަމަ ފަހަރު ދޫކޮށްލީ ކޯޓު ޢަމުރު ނުދައްކާ ހައްޔަރުކުރުމުންނެވެ. އަދި ދެވަނަ ފަހަރު ދޫކޮށްލީ ޖިޏާއީ ކުށެއްކުރިކަމުގެ ހެކި ނުދެއްކިގެންނެވެ.

މުޙައްމަދު އިސްމާއީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރު ކޯޓަށް ޙާޒިރުކުރުމުން ކޯޓުގައި ފުލުހުން ބުނެފައިވަނީ އިންޑިއާ އައުޓް ހަރަކާތަށް ޚަރަދުކުރާ އެކަކީ މުޙައްމަދު އިސްމާއީލްކަމަށެވެ. ނަމަވެސް ފުލުހުންގެ އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާކަމަށާއި، ހުށައަޅާފައިވާ ފޮޓޯ ރިޕޯޓުންނާއި، ކުށުގެ ރެކޯޑް ފޯމުންވެސް އޭނަ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވެއެވެ.

ކޯޓުގެ ރިޕޯޓް ބުނާގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ހެއްކާއި ގަރީނާގެ ގޮތުގައި ހުށައަޅާފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ އިންތެލިޖެންސް ރިޕޯޓަކާއި، ފޮޓޯ ރިޕޯޓަކާއި، ކުށުގެ ރެކޯޑެވެ.

ނަމަވެސް އެއިންވެސް އެއްވެސް ރިޕޯޓެއްގައި އަދި ފޮޓޯގައިވެސް މުހައްމަދު އިސްމައީލް ޖިނާއީ ކުށެއް ކުރާތަނެއް ނުވަތަ އެފަދަ ކަމެއް ކުރާކަން ފެންނަން ނެތްކަމަށް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އިދިިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް ޖާގަ ނުދޭތީ މިކަން ބައިނަލް އަގުވާމީ ސަލާމުކަމަށްވެސް މިހާރުވަނީ އައިސްފައެވެ. މިގޮތުން އެމެންސްޓީ އިންޓަރނޭޝަަނަލްގެ ސައުތު އޭޝިއާ ރީޖަނަލް އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްްޖޭގައި، ސުލްހަވެރިކަމާއެކު މުޒާހިރާ ކުރުމާއި ޚިޔާލުފާޅުކުރުމަށް މުވައްސަސާތަކުން ހުރަސް އަޅަމުންދާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުން ގައުމީ ސަލާމަށް ނުރައްކާވާކަމަށް ބުނެ، ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުމުގެ ހައްގު ނިގުޅައިގެންފައި ވާކަމުގައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކޮށްފައިވާ ޓުވީޓުގައި އިތުރަަށް ވިދާޅުވެފައިވަނީ، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވެންވާނީ، ހާލަތާއި ބައްދަލު މިންވަރަކަށް ބަލާ، ގާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަމުގައެވެ. އަދި މީގެ އިތުރުން، މުޒާހިރާ ކުރަމުންދާ ފަރާރްތަކާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި، މިކަންކަން ތަހުގީގު ކުރުމަށްވެސް އެޖަމިއްޔާއިންވަނީ ސަރުކާރަށް ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައި، ސަލާމަތީ ބާރުގައި ހިމެނޭ ސިފައިންގެ މީހަކު، އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްދިޔަ ހިނގާލުމުގައި އަންހެނެއްގެ އަތުގައި އޮތް "އިންޑިއާ އައުޓް" ދިދައެއް އަތުލަން އެއަންހެން މީހާ ފަހަތުން ދުވާ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްއެންޑީފަށް އަމާޒު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.