ކުރިޔަށްދާ ޔޫކުރެއިން ރަޝިއާ ހަނގުރާމާގައި ޔޫކުރެއިންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށްފައިވާ 40 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ބިލްގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ސޮއި ކުރައްވައިފި ކަމުގައި ވައިޓް ބުނެފިއެވެ.
ބައިޑްން މި ބިލްގައި ސޮއި ކުރައްވާފައި ވަނީ، މިހާރު ސައުތު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ސޯލްގައި ހުންނަވައެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ހާމަކުރައްވާފައިވާ ގޮތުގައި، ބައިޑް ސޮއި ކުރެއްވުމަށްޓަކާ މި ބިލްގެ ކޮޕީއަކާއެކީ އެމެރިކާގެ އޮފިޝަލަކުވަނީ ކޮމާޝަން ފްލައިޓެއްގައި ސައުތު ކޮރެއާގެ ސޯލްއަށް ދަތުރު ކޮށްފައެވެ.
އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށްފައިވާ 40 ބިލިއަން އެމެރިކާ ޑޮލަރުގެ މި ބިލްގައި ހިމެނެނީ އަސްކަރީ، އިގްތިސާދީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިމަނާފައިވާ ފައިސާގެ އެހީތެރިކަމެވެ.
މިމަހު ކުރީކޮޅު ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ފާސްކޮށްފައިވާ މި ބިލް ކޮންގްރެސްއިން ފާސް ކޮށްފައިވަނީ 86 މެމްބަރުންގެ ތާއީދާއެކީއެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ކޮންގްރެސްގެ 11 މެމްބަރެކެވެ.
އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށްދޭ 40 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖުން ޔޫކުރެއިންގައިވާ އެމެރިކާއިން ފޯރުކޮށްދީފައިވާ އަސްކަރީ ސާމާނު މަރާމާތު ކުރުމަށް ޚަރަދު ކުރުމުގެ އިތުރުން، ޔޫކުރެއިންގެ އަސްކަރިއްޔާއަށާއި އަދި ނޭޝަނަލް ސެކިއުރިޓީ ފޯސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން، ޕަބްލިކް ހެލްތަށާއި މެޑިކަލް ސަޕޯޓުގެ ގޮތުގައިވެސް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާއިން ޔޫކުރެއިންއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް، އެމެރިކާގެ ކޮންގްރެސްގެ ދެ ޕާޓީގެ ތާއީދުވެސް ވަނީ ލިބިގެން ގޮސްފައެވެ.
ބައިޑްންވަނީ ކުރިޔަށް އޮތް 5 މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ޔޫކުރެއިންއަށް 33 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކޮންގްރެސްއިން ވަނި އެއަދަދު 40 ބިލިއަނަށް އިތުރު ކޮށްދީފައެވެ.