"އިންޑިއާ އައުޓް" ހިންގުމަކީ ކުރިއަށް ގެންދިއުމަކީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ރައްޔިތުމީހާ ދާންޖެހޭނެ ސަބަބެއް ނޫންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް ހިންގާކަމުގެ ތުހުމަތުގައި އިދިކޮޅު ޕީޕީއެމްގެ ހަރަކާތުގެ ކޮމެޓީގެ ޗެއާ އަދި ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ދެވަނަފަހަރަށް ފުލުހުން ހައްޔަރުކުރުމާއި ގުޅިގެންނެވެ.
ޝުޖާއު ވިދާޅުވީ، މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީކަމަށެވެ. ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރ ރޭ ހައްޔަރު ކުރީ މިފަދަ ޣައިރު ޤާނޫނީ އަމުރަކަށްކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާ އައުޓް ގޮވުމާއި އެހަރަކާތް ކުރިއަށް ގެންދިއުމަކީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ރައްޔިތުމީހާ ދާންޖެހޭނެ ސަބަބެއް ނޫންކަމަށެވެ. އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކީ ޤާނޫނު އަސާސީއާއި ޚިލާފް އަމުރެއްކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
ކުރިއަށް ގެންދިއުމަކީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ރައްޔިތުމީހާ ދާންޖެހޭނެ ސަބަބެއް ނޫނެވެ.މެމްބަރ @Muhmed_Ismail މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަމެވެ.ރ.ސޯލިހްގެ ޤަރާރަކީ ޤާނޫނު އަސާސީއާއި މުޅިން ހިލާފު ޤަރާރެއްކަން @PoliceMvގެ ވެރިންނަށް ހަނދުމަކޮށްދެމެވެ.2/2
— Ibrahim Shujau (@IbrahimShujaau) May 21, 2022
"އިންޑިއާ އައުޓް" ނަމުގައި ކުރިއަށްގެންދާ ހަރަކާތް ރާވާ، ހިންގާކަމަށް ތުހުމަތުކުރެވޭތީވެ މުހައްމަދު އިސްމާއިލް ވަނީ މިދިޔަ ބުދަ ދުވަހުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެރޭ ދޫކޮށްލާފައެވެ. އޭގެ އެއްދުވަސްފަހުން އަނެއްކާވެސް އޭނާ ހައްޔަރު ކުރަނީ ކޮން ސަބަބާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ.
މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމާއިއެކު މާލޭގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ "އިންޑިއާ އައުޓް" ހަރަކާތް މަގުތަކުގައި ކުރިއަށް ގެންދަމުންނެވެ. އަދި ރޭވެސް ވަނީ މާލޭގެ މަގުތަކުގައި އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އިންޑިއާ އައުޓް ހަރަކާތުގައި މަދު ބަޔަކު ބައިވެރިވިނަމަވެސް، ހަރަކާތް ހުއްޓުވުމަށް ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވެ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިދިިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް ޖާގަ ނުދޭސީ މިކަން ބައިނަލް އަގުވާމީ ސަލާމުކަމަށްވެސް މިހާރުވަނީ އައިސްފައެވެ. މިގޮތުން އެމެންސްޓީ އިންޓަރނޭޝަަނަލްގެ ސައުތު އޭޝިއާ ރީޖަނަލް އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްްޖޭގައި، ސުލްހަވެރިކަމާއެކު މުޒާހިރާ ކުރުމާއި ޚިޔާލުފާޅުކުރުމަށް މުވައްސަސާތަކުން ހުރަސް އަޅަމުންދާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުން ގައުމީ ސަލާމަށް ނުރައްކާވާކަމަށް ބުނެ، ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުމުގެ ހައްގު ނިގުޅައިގެންފައި ވާކަމުގައެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކޮށްފައިވާ ޓުވީޓުގައި އިތުރަަށް ވިދާޅުވެފައިވަނީ، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވެންވާނީ، ހާލަތާއި ބައްދަލު މިންވަރަކަށް ބަލާ، ގާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަމުގައެވެ. އަދި މީގެ އިތުރުން، މުޒާހިރާ ކުރަމުންދާ ފަރާރްތަކާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި، މިކަންކަން ތަހުގީގު ކުރުމަށްވެސް އެޖަމިއްޔާއިންވަނީ ސަރުކާރަށް ގޮވާލާފައެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައި، ސަލާމަތީ ބާރުގައި ހިމެނޭ ސިފައިންގެ މީހަކު އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށްދިޔަ ހިނގާލުމުގައި އަންހެނެއްގެ އަތުގައި އޮތް "އިންޑިއާ އައުޓް" ދިދައެއް އަތުލަން އެއަންހެން މީހާ ފަހަތުން ދުވާ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްއެންޑީފަށް އަމާޒު ވެފައެވެ.