އަނެއްކާވެސް މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި

އަނެއްކާވެސް މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 މެއި 2022 09:26
0

އިންޑިއާ އައުޓް ހަރަކާތް ހިންގާކަމުގެ ތުހުމަތުގައި އިދިކޮޅު ޕީޕީއެމްގެ ހަރަކާތުގެ ކޮމެޓީގެ ޗެއާ އަދި ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރުމަށް އަމުރު ހިފައިގެންދިޔަ އިރު މުހައްމަދު އިސްމާއިލް އިންނެވީ ކެފޭއެއްގެ ތެރޭގައެވެ.

"އިންޑިއާ އައުޓް" ނަމުގައި ކުރިއަށްގެންދާ ހަރަކާތް ރާވާ، ހިންގާކަމަށް ތުހުމަތުކުރެވޭތީވެ މުހައްމަދު އިސްމާއިލް ވަނީ މިދިޔަ ބުދަ ދުވަހުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެރޭ ދޫކޮށްލާފައެވެ. އޭގެ އެއްދުވަސްފަހުން އަނެއްކާވެސް އޭނާ ހައްޔަރު ކުރަނީ ކޮން ސަބަބާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ.

މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމާއިއެކު މާލޭގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ "އިންޑިއާ އައުޓް" ހަރަކާތް މަގުތަކުގައި ކުރިއަށް ގެންދަމުންނެވެ. އަދި ރޭވެސް ވަނީ މާލޭގެ މަގުތަކުގައި އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އިންޑިއާ އައުޓް ހަރަކާތުގައި މަދު ބަޔަކު ބައިވެރިވިނަމަވެސް، ހަރަކާތް ހުއްޓުވުމަށް ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވެ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިދިިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް ޖާގަ ނުދޭސީ މިކަން ބައިނަލް އަގުވާމީ ސަލާމުކަމަށްވެސް މިހާރުވަނީ އައިސްފައެވެ. މިގޮތުން އެމެންސްޓީ އިންޓަރނޭޝަަނަލްގެ ސައުތު އޭޝިއާ ރީޖަނަލް އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްްޖޭގައި، ސުލްހަވެރިކަމާއެކު މުޒާހިރާ ކުރުމާއި ޚިޔާލުފާޅުކުރުމަށް މުވައްސަސާތަކުން ހުރަސް އަޅަމުންދާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުން ގައުމީ ސަލާމަށް ނުރައްކާވާކަމަށް ބުނެ، ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުމުގެ ހައްގު ނިގުޅައިގެންފައި ވާކަމުގައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކޮށްފައިވާ ޓުވީޓުގައި އިތުރަަށް ވިދާޅުވެފައިވަނީ، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވެންވާނީ، ހާލަތާއި ބައްދަލު މިންވަރަކަށް ބަލާ، ގާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަމުގައެވެ. އަދި މީގެ އިތުރުން، މުޒާހިރާ ކުރަމުންދާ ފަރާރްތަކާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި، މިކަންކަން ތަހުގީގު ކުރުމަށްވެސް އެޖަމިއްޔާއިންވަނީ ސަރުކާރަށް ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައި، ސަލާމަތީ ބާރުގައި ހިމެނޭ ސިފައިންގެ މީހަކު އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށްދިޔަ ހިނގާލުމުގައި އަންހެނެއްގެ އަތުގައި އޮތް "އިންޑިއާ އައުޓް" ދިދައެއް އަތުލަން އެއަންހެން މީހާ ފަހަތުން ދުވާ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްއެންޑީފަށް އަމާޒު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.