ފިންލޭންޑާއި ސުވިޑްންއިން ރަސްމީކޮށް ނޭޓޯއާއި ގުޅުމަށް ހުށަހަޅައިފި

ފިންލޭންޑާއި ސުވިޑްންއިން ރަސްމީކޮށް ނޭޓޯއާއި ގުޅުމަށް ހުށަހަޅައިފި

Author
ހުސެއިން
18 މެއި 2022 03:58
0

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ އަސްކަރީ އިއްތިހާދު ކަމުގައިވާ ނޭޓޯއާއި ގުޅުމަށް ސުވިޑްންއާއި ފިންލޭންޑްއިން ރަސްމީކޮށް އެ ޖަމާއަތުގެ ކިބައިން އެދިފައިވާކަމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެމްބާރގް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ނޭޓޯ ފުޅާވެ، އަދި ރަޝިއާއާއި އިންވެގެން ހުރި ގައުމުތަށް ނޭޓޯއާއި ގުޅުމަކީ ރަޝިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ. އަދި އެގައުމުން ބުނެފައިވަނީ ރަޝިއާއާއި ބޯޑަރު ހިއްސާކުރަމުންދާ ގައުމުތައް ނޭޓޯއާއި ގުޅެމުން ދިއުމަކީ އެގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައެވެ.

"ސުވިޑްންއާއި ފިންލޭންޑުން ނޭޓޯއާއި ގުޅުމަށް ރަސްމީކޮށް ހުށަހަޅާފައިވާ ހުށަހެޅުމަށް އަހަރެން މަރުހަބަ ކިޔަން. ތިޔައީ އަހަރެމެންގެ އެންމެ ގާތް ބައިވެރިން،" ނޯޑިލްކް ސަރަައްދަށް ނިސްބަތްވާ މި ދެގައުމުގެ ނޭޓޯއާއި ގުޅުމަށް އެދި ފޮނުވި ސިޓީ، ސަފީރުންގެ ފަރާތުން ލިބިގަތުމަށްފަހު ޖެންސް ސްޓޮލްޓެމްބާރގް ވިދާޅުވެފައި ވެއެވެ.

ނޭޓޯއާއި ގުޅުމަށް ސުވިޑްންއައި ފިންލޭންޑުން ހުށަހެޅި ހުށަހެޅުމާމެދު، ނޭޓޯގެ 30 މެމްބަރު ގައުމުން ގޮތެއް ނިންމާން ޖެހެއެވެ. އަދި މިދެގައުމު ނޭޓޯއާއި ގުޅުމަށް ދެކޮޅު ހައްދަވާނެކަމަށް ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ވިދާޅުވެފައިވާއިރު، ދެގައުމު ނޭޓޯއާއި ގުޅުމާމެދު މެމްބަރު ގައުމުތަކުން ގޮތެއް ނިންމުމަށް ނަގާނެކަމަށް ބެލެވެނީ 2 ހަފްތާއެއްހާ ދުވަހުގެ މުއްދަތެކެވެ.

އަދި ތުރުކީގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެން ހިގައްޖެނަމަ، އެއަށް ދެގައުމަށް މެމްބަރުކަން ދިނުމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ރަގަޅަށް ކުރިޔަށް ހިގައްޖެނަމަ، ނޭޓޯގެ މެމްބަރުންގެ ގޮތުގައި ކުރިޔަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ފިންލޭންޑާއި ސުވިޑްން ހިމެނިގެން ދާނެއެވެ.

ނޭޓޯގެ މެމްބަރަކަށް ވުމަށް އާންމު ގޮތެއްގައި 12 ވަރަކަށް މަސް ނަގާނަމަވެސް، ނޯޑިކް ގައުމުތަކަށް ރަޝިއާގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުން، ނޭޓޯއިން ބޭނުންވަނީ މިދެގަމަށް މެމްބަރު ގައުމުތަކުގެ ހައިސިއްޔަތު ދިނުން އަވަސް ކުރުމަށެވެ.

ކެނެޑާއިން ބުނެފައިވަނީ، ފިންލޭންޑާއި ސުވިޑްން މެމްބަރު ގައުމުތަކުގެ ގޮތުގައި ވުމުގެ ހުއްދަ އެގައުމުން ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދޭނެކަމަށެވެ.

ފިންލޭންޑާއި ސުވިޑްއަކީ ނޭޓޯއާއި ގުޅުމަށް މީގެކުރިން ދެކޮޅު ހަދަމުންއައި ދެގައުމު ނަމަވެސް، ރަޝިއާއިން ޔޫކުރެއިންއަށް ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން، މިދެގައުމު ނޭޓޯއާއި ގުޅުމަށް އާންމުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ތާއީދު އިތުރުވެފައެވެ.

ފިންލޭންޑާއި ސުވިޑްންއަކީ ނޭޓޯއާއި އެންމެ ގާތްކަން ބާއްވަމުންދާ ދެގައުމެވެ.

މިދެގައުމަކީ ޑިމޮކްރަސީގެ ވެރިކަން އޮތް، އަދި ޒަމާނީ ހަތިޔާރުތަކާއިއެކު އުފެދިފައި އޮތް އަސްކަރިއްޔާ އޮތް ދެގައުމަށް ވާއިރު، ފާއިތުވެދިޔަތަނުގައި މިދެގައުމަންވަނީ ނޭޓޯގެ އަސްކަރީ އޮޕަރޭޝަންތަކަަށް އެހީތެރިކަންވެސް ފޯރު ކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.