މެއި 6ގެ ހަމަލާއާއި ގުޅިގެން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފި

މެއި 6ގެ ހަމަލާއާއި ގުޅިގެން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މެއި މަހުގެ 6 ގައި ދިން ހަމަލާއާ ގުޅިގެން ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ 6 މީހެއްގެ މައްސަލައިގެ އަޑުއެހުން ބާއްވާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ފެށީ ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމްއާއި، މުހައްމަދު ނާޒިމްއާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ. މި މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހް އަދި ގާޒީ އާދަމް މުހައްމަދުއެވެ. ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އާދަމް މުހައްމަދުއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ 6 މީހުންގެ މައްސަލަ ކޯޓުގައި ކުރިއަށްގެންދާ ތާވަލު ހިއްސާކުރައްވާފައެވެ. އެގޮތުން އަންމަހުގެ 9 ވަނަ ދުވަހާއި 12 ވަނަ ދުވަސް އަދި 13 ވަނަ ދުވަހު ހެކި ބަސް ނެގުމުގެ އަޑުއެހުންތައް އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ. މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރެއިން 22 ހެއްކެއް މުޅިން ސިއްރުކޮށްދޭން އަދި ދިފާއުން ކޯޓަށް ހާޒިރުވެގެން ދިރާސާކުރަން ފުރުސަތު ދެވޭ ގޮތަށް ހަ ހައްކެއް ސިއްރުކޮށްދޭން އެދިފައެވެ. އަދި ގާޒީ ވަނީ ދައުލަތުން އެދިފައިވާ މިންވަރަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދިނުމަށް ނިންމަވާފައެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 9 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މީގެތެރެއިން މިހާތަނަށް ހުކުމެއް އިއްވާފައިވަނީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް ރަޝީދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

މިމައްސަލައިގައި އަދުހަމްގެ މައްޗަށް އިއްވީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ