މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން އެކަން ކުރާ 4 މީހަކު ދެނެގަނެވިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
"އިންޑިއާ އައުޓް" ކަރުދާސްތައް މާލެތެރެއަށް އަޅަމުންދާ މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި ކޮންބައެއްކަން ދެނެގަނެވުނު 4 މީހުންގެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެހެން ނަމަވެސް މިމައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވެއެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓާލުމަށް ރައީސް ނެރުއްވާފައިވާ ޤަރާރަށް ގޮންޖަހައި އިދިކޮޅުން އަންނަނީ އެ ހަރަކާތް ފުޅާކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓު ބެނާރ ފުލުހުން ނަގާފައިވަނިކޮށް، ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރަށް ގޮންޖަހާ، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން އަލުން މާލޭގައި އިންޑިއާ އައުޓް ބެނަރ ދަމާފައިވެއެވެ. އަކުރައް ބަދަލުކޮށްގެންވެސް ބެނަރ ދެމުމުން ފުލުހުން ވަނީ އެ ބެނާރވެސް ނަގާފައެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެއެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ