މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. އެކަން އިފްތިތާޙު ކުރުމަށް މިއަދު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ޚާއްޞަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
މިއާއެކު ކުރިޔަށް އޮތް ޖޫންމަހުގެ 1 އިން 6 ގެ ނިޔަލަށް ކުރިއަށްދާ އެސް.އެސް.އީ އިމްތިޙާނުގައި މެލޭޝިޔާގައި ދިރިއުޅޭ 6 ދަރިވަރަކު ބައިވެރިވާނެއެވެ. މިކަމަށްޓަކައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ދެ މުވައްޒަފުން ވަނީ އެގްޒަމިނޭޝަން އޮފިޝަލުންގެ ގޮތުގައި ތަމްރީނުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ، ދިވެހިވަންތަކަމުގެ އެންމެ މުހިއްމު ދެ ރުކުންކަމަށާއި އެއީ ދިވެހިރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު ކަމަށެވެ.
މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދީންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން މިތަނުގައި ދިރިއުޅެ ބޮޑެތިވާ ކުދީން އެބަތިބި. ދިވެހިރާއްޖޭގައި ނޫޅުނު ކަމުގައިވިޔަސް މިކުދީންނަށް އަޅުގަނޑުމެންގެ ސަގާފަތާ ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމުކަމެއް އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް،
– މިނިސްޓަރ ވިދާޅުވިއެވެ.
ދެން ކޮންމެ އަހަރަކުވެސް މެލޭޝިއާގައި މި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިމްތިޙާނަށް ތައްޔާރުވުމަށްޓަކާ ދަރިވަރުންނާ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީ އިން ފޯރުކޮށްދޭނެއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓެކްސްޓް ފޮތްތައް ވެސް މިނިސްޓްރީއިން ފޯރުކޮށްދޭނެއެވެ.
މި ރަސްމިއްޔާތު ނިންމާލުމަށް ފަހު މިނިސްޓަރ ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ، އެ ޤައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާ އަދި އެކަންތައް ޙައްލުކުރުމަށް މިނިސްޓްރީއިން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރ އާއި މިނިސްޓަރގެ ޓީމް ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް އަލް އުސްތާޛާ މަރިޔަމް މިޒްނާ ޝަރީފް އަދި ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ