ރާއްޖޭގެ ފަސްގަޑުގައި މިހާތަނަށް ދީފައިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓް އެއް ހަމަލާއަކީ 2021ވަނަ އަހަރުގެ މޭމަހުގެ 6ވަނަ ދުވަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އަދި މިހަމަލާގެ ނުރައްކާތެރިކަން އެތައް ގުނަޔަކަށް ބޮޑުވެ، ހަމަލާއަށް ދެވުނު ސަމާލުކަންވެސް އެތައް ގުނައަކަށް އިތުރުވެގެން ދިޔައީ، މި ހަމަލާއަކީ މީހެއްގެ ފުރާނަ ދުއްވާލުމަށް އަމާޒު ކުރެވި، ރިމޯޓު ކޮންޓްރޯލްގެ ބޭނުން ކޮށްގެން ބޮމެއް ގޮއްވާލާގައިގެން ދީފައިވާ ނުރައްކާތެރި ހަމަލާއަކަށް ވާތީވެސް މެއެވެ.
ނަޝީދުގެ ފުރާނަ ދުއްވާލުމަށް އަމާޒު ކުރެވިގެން ދެވުނު މި ނުރައްކާތެރި ޓެރަރިސްޓު ހަމަލާއަށްފަހު، ހަމަލާ ދިނުމުގައި އަމަލީގޮތުން ހަރަކާތްތެރި ވީ ބައެއް މީހުން ހައްޔަރު ކުރެވި، އެއްބައެއްގެ މައްޗަށް މިހާރުވަނީ ޝަރީއަތް ކުރެވި، އަދި ދަށުކޯޓުން ވަނީ ހުކުމްވެސް ކޮށްފައެވެ. އަނެއްބައެއްގެ ޝަރީއަތް ޝަރުޢީ މަރުހަލާގައި ދަނީ ކުރިޔަށެވެ.
އެހެންނަމަވެސް، މިހަމަލާގައި އެންމެ އިސްކޮށް ހަރަކާތެރިވީ ފަރާތް ހައްޔަރު ކުރެވި ޝަރީއަތް ކުރެވި އަދި އޭގެ އިތުރުން އަނެއް ބައެއްގެ ޝަރީއަތްތައް ކުރިޔަށް ދިޔަ ނަމަވެސް، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހަމަލާއާއި ގުޅިގެން ނަޝީދާއި ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ކުރާ ޝަކުވާތަކާއި އެފަރާތްތަކުގެ އުދާސްތަކަށް ކުޑަވެސް ފިނިކަމެއް އައިސްފައި ނުވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަ ކަންކަމަކީ، ހަމަލާއަށް ފަންޑު ކުރި މީހުން ތަހުގީގަށް ހޯދިފައި ނުވާ މައްސަލައެވެ. ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އެކަކު ދޫކޮށްލި މައްސަލައެވެ. އަދި މިހަމަލާގެ ތަހުގީގު އެންމެ ފުނާ ހަމަޔަށް ދަތުރު ކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ތުހުމަތެވެ. ރައީސް ސާލިހުއަށް ތާއީދު ކޮށްގެން ތިއްބެވި ބައެއް މެމްބަރުން މި ހަމަލާގެ ތަހުގީގަށް ހުރަސް އަޅުއްވަން މަސައްކަތް ކުރާކަމުގެ ތުހުމަތުތަކެވެ. ރައީސް ނަޝީދު ސިޔާސީ ގޮތުން އެކަހެރިކޮށް، ސެކިއުރިޓީގެ ވަރުގަދަ "ފަށަލައެއްގައި ތާށިކޮށްފައި" ބަހައްޓާ، އާންމު ރައްޔިތުންނާއި ބައްދަލު ނުކުރެވޭ ގޮތް ގަސްތުގައި ހެދުމަށް ބަޔަކު އަޑީގައި ތިބެން އެމަގުން މަސައްކަތް ކުރަމުންދާ ކަމުގެ ބޮޑެތި ތުހަމަތުތަކެވެ.
އަދި އެންމެ ފަހުން ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ އަތުގައި އެމަނިކްފާނުގެ "ލޭ" ކޭއްތިފައި ވާކަމުގައެވެ.
ނަޝީދު ގަންދީ ހުވާކޮށްފަ ވިދާޅުވަނީ ސަރުކާރުން ތަހުގީގަށް ހުރަސް އަޅާކަަމަށް!
6 މޭގެ ޓެރަރިސްޓު ހަމަލާއަށް އެއް އަހަރު ފުރުމާއި ގުޅިގެން މިހަމަލާއާއި ގުޅޭގޮތުން އެކިއެކި ފޯރަމްތަކުގައި ކުރެވެމުންދާ ބަހުސްތަކުގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ ރޭގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލިހުގެ ހުރިހާ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް އެކުލަލާފަ އޮންނަ ވަޓްސްއަޕް ގުރޫޕެއްގައި ނަޝީދުއާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާ ދެމެދު ކުރެވިގެން ޒުވާބެވެ.
މިޒުވާބުގައި ނަޝީދުވަނީ މީގެ ކުރިން އެމަނިކުފާނު މިމައްސަލާގައި ވިދާޅުނުވާ ބައެއް ވާހަކަތައްވެސް ވިދާޅުވެފައެެވެ. ނަޝީދު ވިދާޅުވެފައިވަނީ ހަމަލާ ރޭވުމުގައާއި، ހަމަލާގެ ކަންކަން ހިނގަދިޔަގޮތް ފޮރުވުމަށް ސަރުކާރާއި ގުޅިގެން މަޖިލީހުގެ ސަރުކާރަށް ތާއީދު ކުރާ ބައެއް މެމްބަރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
މާތް ރަސްކަލާންގެ ގަންދީ ހުވާކޮށް އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑަށް އެނގިފައިވާ މިންވަރުން އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ ތިޔަބޭފުޅާއާއި، އާރުކާޓީ.
– ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ އަސްލާއިހަމައަށް ވާސިވުމަށް މަޖިލިސް މެމްބަރު އަނދުން ހުސެއިން ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދުގެ މި ސީރިއަސް ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އަނދުން ހުސެއިން ވިދާޅުވެފައިވަނީ، މީހެއްގެ ބޮލުގައި ކަންކަން އަޅުވަން ވާނީ އެކަމުގެ ސާފު ހެކި ހުރެގެން ކަމަށެވެ.
ރައީސް އަޅުގަނޑު ކުރާ ތަހުގީގެއް ނޫން. އެކަން ނުހިނގަންޏާ ޖޭއެސްސީއާއި، މަޖިލިސް އިން ބަލަންވީ. މީހުންގެ ބޮލުގައި ކަމެއް އަޅުވާލަންވެސް އޮންނާނެ ހައްދެއް. އެއީ ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަކުން އަޅުވަންޖެހޭ ބަދުނާމެއްނޫން.
– ވަޓްސްއަޕް ގުރޫޕުގައި ނަޝީދުގެ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އަނދުން ހުސެއިން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ވަޓްސްއަޕް ގުރޫޕުގައި ކުރެވިދިޔަ މި ޒުވާގެ ތެރެއިން މަޖިލިސް މެމްބަރު އަނދުން ހުސެއިންގެ މައްޗަށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތުގެ ތަކުގެ ސީރިއަސްކަމާއި، އަދި މިއީ އާދައިގެން ތުހުމަތުތަކެއް ނޫންކަން ހާމަވަގެން ދިޔަ އެއް މެސެޖަކީ، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ އަތުގައި އެމަނިކްފާނުގެ "ލޭ" ހޭކިފައިވާކަމަށް އެންމެފަހުން ނަޝީދު ކުރެއްވި ތުހުމަތެވެ.
"..ހުސެއިން އަމިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،"
– މަޖިލިސް މެމްބަރުން އަދުން ހުސެއިންއަށް ޖަވާބު ދެއްވަމުން ނަޝީދު މެސެޖު ކުރައްވާފައި ވެއެވެ.
ޖޭއެސްސީންވެސް، މަޖިލިސް ކޮމިޓީތަކުންވެސް ހަމަލާއާއި ގުޅުންހުރި މައްސަލަތައް ނުބަލާ މައްސަލަ!
6 މޭގެ ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހިންގޭ ތަހުގީގަށް ސަރުކާރު އިސްވެ އޮވެ ހުރަސް އަޅަމުންދާކަމަށް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާއެކު، މިހަމަލާއާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ތަހުގީގީ މަރުހަލާގެ ތެރެއިންނާއި ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ކަމުގެ ތުހުމަތުވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ ކުރައްވަމުންނެވެ.
މިގޮތުން، ރައްޔިތުންގެ މަޖިލިހުގެ ނަޝީދަށް ތާޢިދުކުރާ ފެކްޝަންނަށް ނިސްބަތްވާ މެމްބަރެއް ކަމުގައިވާ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެފައިވަނީ ހަމަލާގައި ތުހުމަތު ކުރެވޭ ހއ. މާޅޮސް ބަހާރުގޭ އަބުދުﷲ އަލިމަނިކު ޖަލުގައި ބަންދު ކޮށްފައި ހުއްޓާ ދޫކޮށްލި ގޮތާއި އަދި ސަބަބުވެސް ބެލުމެ ބޭނުންތެރިކަން މިހާރު މާ ބޮޑުތަނުންވެސް އިތުރުވެގެން ގޮސްފައި ވާކަމުގައެވެ. ސަބަބެއް ކަމުގައި ދޮންބިލެއް ވިދާޅުވެފައިވަނީ، މިހާތަނަށް މިހަމަލާއަށް ބަޔަކު ފަންޑު ކުރިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ހޯދިފައި ނުވާތީއެވެ.
އަދި ދޮންބިލެތް ހަލީމްގެ މި ޓުވީޓަށް ޖަވާބު ދެއްވަމުން ނަޝީދުގެ ނުރަސްމީ ޓުވިޓަރ އެކައުންޓުން ވިދާޅުވެފައިވަނީ، ދައުވާ ނުކޮށް ދޫކޮށްލާފައިވާ ފާތިހުއަކީ ބޮން ގޮށްވާލި މީހާ އެކަން ކޮށްފައި މާފަންނު ބޮނޑިބަތް ޕާރކަށް ދިޔައިމާ، އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލުގެ ފަހަތުގައި އިން މީހާ ކަމުގައެވެ.
Dauvaa nukoh dhookohlaa faivaa vaa Fathih akee Bongohvaali meehaa eykan kohfai Maafanu Bodibai Park ah dhiyamaa eyna ah eyhen gameeheh genes din cycle ge fahathugai in meehaa. Fathih akee fulhun theyreygai ulhunu meeheh. Eynaa MPS in vaki kuree Bomb ge Fahun.
— MN unofficial (@anedhivehirajje) May 8, 2022
އެހެންނަމަވެސް ފާހަގަ ކޮށްލާން ޖެހޭ އެއްކަމަކީ، ތަހުގީގީ މަރުހަލާތަކުންނާއި އަދި ޝަރުއީ މަރުހަލާއިންވެސް، މިހަމަލާގެ ތަހުގީގަށާއި ޝަރީއަތަށް އެތައް ހުރަހެއް އަޅަމުން ދާކަމުގެ ތުހުމަތުތައް ކުރެވެމުން ދާއިރުވެސް، މިގޮތުންވާ އިހުމާލުތަކުގެ މައްސަލަތައް ބެލުމުގެ ގާނޫނީ މަސްއޫލުއްޔަތު އުފުލާންޖެހޭ ފަރާތްތަކުން މިމައްސަލަތައް ބެލުމަށް ފާއިތިވެދިޔަ ތަނުގައިވެސް، އަދި މިހާރުވެސް މަސައްކަތް ކުރަމުން ނުދާކަމެވެ.
މީގެތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންއާއި މަޖިލިހުގެ ކޮމިޓީތައްވެސް ހިމެނެއެވެ. އަދި ޖުޑީޝަން ސާރވިސް ކޮމިޝަނަކީ ޚުދު ރައީސް ނަޝީދު އެ ކޮމިޝަނެއްގައި އިންނަވާ ކޮމިޝަނަކަށް ވެފައި، މިކޮމިޝަނުން ފާއިތުވެދިޔަ ތަނުގައި މިއަށްވުރެ މާ އާދައިގެ މައްސަލަތަކުގައިވެސް ގާޒީންނާއި މެދު ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. އަދި އެނޫން މައްސަލަތަކުގައިވެސް ގޮތް ނިންމާފައި އެބަހުއްޓެވެ.
ހަމައެއާއެކު މަޖިލިސް ކޮމިޓީތަކުގައިވެސް މިނޫން، މާ އާދައިގެ މައްސަލަތަކުގައިވެސް މީހުން ހާޒިރުކޮށް، ކޮމިޓީތަކަށް ލިބިފައިވާ ހައިސިއްޔަތުން ބޭރުންވެސް ކަންކަމުގެ ހަގީގަތާއި ހަމައަށް ވާސިލްވުމަށް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. މަޖިލިސް ރައީސްވެސް މީގެކުރި ކޮމިޓީތަކަށް މައްސަލަތައް ފޮނުއްވައިގެން މައްސަލަތައް ކުރިޔަށް ގެންގޮސްފައި ހުރިކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، ހައިރާންވާންޖެހޭ އެއްކަމަކީ، 6 މޭގައި އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސަށް އަމާޒުކޮށް ދެވުނު މި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިއަދާއިހަމަށް ކެނޑިނޭޅި ތަހުގީގީ އިދާރާތަކާއި އަދި، މިއަދު މަޖިލިސް ބައެއް މެމްބަރުންގެ މައްޗަށްވެސް ކުރެވެމުންދާ ތުހުމަތުތައް، އެންމެ ކުޑަވެގެން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކަށް ނަމަވެސް ހުށަހަޅައިގެން ބެލުމަށް ޚުދު ނަޝީދަށް ތާއީދުކުރާ، އަދި މި ޝަކުވާތައް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މެމްބަރުންވެސް ބޭނުންފުޅު ވެވަޑައި ނުގަންނަވައިގެން އުޅުއްވާ ސަބަބުތަކެވެ.
އެހެންނަމަވެސް ސާފުވާން އޮތް އެއްކަމަކީ، މަޖިލިސް ބައެއް މެމްބަރުންގެ އަތުގައި އެމަނިކްފާނުގެ "ލޭ" ހޭކިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ކަމަށްވާނަމަ، އެއީ އާދައިގެ ތުހުމަތެއް ނޫންކަމެވެ. އަދި ސަރުކާރުން މި ތަހުގީގަށް ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ނަޝީދު ކުރައްވަމުން ގެންދަވާ ތުހުމަތުތަކުގެ ފުނާއި ހަމައަށްވެސް ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވާސިލްވާން ޖެހިފައި އޮތްކަމެވެ.
މިއީ ކޮންމެވެސް ބަޔަކު އިސް ނަގައިގެން ނަމަވެސް ހިންގާން ޖެހިފައި އޮތް ބޮޑު ތަހުގީގެއްގެ ގޮތުގައި މެނުވީ މިއަދު ފެންނާކަށް ނެތެވެ.