ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޢީދު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މާރާމާރިއާއި ތޫނު އެއްޗެހިން ހަމަލާދިނުމާއި ބައިބަލާ މުބާރާތާއި ގުޅުމެއް ވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝިޔާމް ވިދާޅުވީ، އެއީ ސަރުކާރުން ކަންކަން އޮޅުވާލުމަށް ދައްކާ ވާހަކައެއްކަމަށެވެ.
ބައިބަލާގެ ޥޭތުވެދިޔަ 9 އަހަރުގެ ތާރީޚަށް ބަލައި ތަފާތުކުރުން ހުއްޓާލުމަށް ޝިޔާމް ގޮވާލެއްވިއެވެ. އަދި ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ޢީދު ބަންދާ ދިމާކޮށް ބާއްވަން މަސައކްަތްކުރި ބައިބަލާ މުބާރާތް ފަސްކުރީ މާލެ ސަރަހައްދުގައި މާރާމާރިއާއި ތޫނު އެއްޗެހިން ހަމަލާ ދިނުން އިތުވުމުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިންނެވެ.
ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވަން އިއުލާންކޮށް ތައްޔާރީތައް ފަށާފައިވަނިކޮށް، މާލެ ސަރަހައްދުގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުން އެދިގެން މުބާރާތް ފަސް ކުރަން ޖެހުނީ ކަމަށެވެ.
ނަމަވެސް ވަރުގަދަ ފިޔަވަޅުތަކާއި ފުލުހުންގެ އެހީތެރިކަމާއެކު މިރޭ ބައިބަލާ މުބާރާތް ފެށުމަށް ވަނީ ނިންމާފައެވެ.