ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑު، ޠޫފާނަކަށް ބަދަލުވެ އޭގެ އަސަރު ނުސީދާގޮތުން ރާއްޖެއަށް ކޮށްފާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ(މެޓް އޮފީސް) އިން ބުނެފިއެވެ. އެ އޮފީހުން ބުނީ މި ދެ ކޮޅިގަނޑު މިހާރު އަންނަނީ އިތުރަށް ބާރުގަދަވަމުންކަމަށެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި ޠޫފާނަކަށް ބަދަލުވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. މި ޠޫފާނުގެ އަސަރު ރާއްޖެއަށް ނުސީދާގޮތުން ކޮށްފާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ބޭ އޮފް ބެންގޯލްގެ މެދަކާ ހިސާބުގައި އުފެދިފައިވާ މި ކޮޅިގަނޑު އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް މިމަހުގެ 10ވަނަ ދުވަހު އަރާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނު އިންޑިއާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެގެ އަސަރުވެސް ރާއްޖެއަށް ކޮށްފާނެކަމަށް ބެލެވެއެވެ. މި ދެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭއަށް ވައިގަދަވެ ކުރިއަށްއޮތް ހަތަރު ދުވަހު އޭގެ އަސަރުތައް ފެންނާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާ، ޙާއްސަގޮތެއްގައި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރެއަށް ވިލާގަނޑުގެ ވައި ގަދަވާނެކަމަށާ، ހުޅަނގާއި ހުޅަނގު އުތުރުން 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންނަމަވެސް ރާއްޖޭގެ އުތުރަށް ވިލާގަނޑުގެ ވައި ތަންކޮޅެއް މަޑުވާނެކަމަށް ލަފާކުރެވޭ ކަމަށް އެއޮފީހުން ވިދާޅުވެއެވެ. އެއީ 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. މޫސުމަށް މިއަންނަ ބަދަލުތަކާއެކު މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާ، ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

ދެމޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ މިވިއްސާރައިގެ ސަބަބުން ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ވީހާވެސް ބޮޑަށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *