އަބަދުވެސް ފިލްމު ތަކުގައި ތަފާތު ދައްކައި، ބެލުންތެރިންގެ ހިތް އަތުލަން ކުޅަދާނަ އެކްޓަރ އަޔުޝްމާން ކުރާނާ ސިފައިގެ މީހެއްގެ ގޮތުގައި ފެނިގެންދާ ފިލްމް "އަނޭކް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމުގައި ވެސް އަޔުޝްމާން ފެނިގެން ދަނީ ވަރަށް ތަފާތުކޮށެވެ. ހަށިގަނޑަށް އައިސްފައިވާ ބަދަލުގެ އިތުރުން "ލުކް" ވެސް ވަނީ ބަދަލު ކޮށްލާފައެވެ.
ކޮންމެ ފިލްމައަކަށް ވެސް ވަރަށް ބޮޑަށް ތައްޔާރުވާ އަޔުޝްމާންގެ ފިލްމު "އަނޭކް" އަކީ އޭނަގެ 2019 ގެ ކާމިޔާބު ފިލްމު "އާޓިކަލް 15″ ގެ ޑައިރެކްޓަރު އަނޫބަވް ސިންޔާ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.
މި މަހު 27 ގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި އަޔުޝްމާނަކީ ނޯތު އީސްޓް އިންޑިއާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ މީހެކެވެ.
އަޔުޝްމާންގެ ތަފާތު އެކްޓިންތައް ފެނިގެން ދިއަ ފިލްމު ތަކުގެ ތެރޭގައި "ވިކީ ޑޯނާ"، "ބަދާއީ ހޯ"، "ޝުބް މަންގަލް ސާވްދާން"، "ޑްރީމް ގާލް" "އަންދާ ދުން"ގެ އިތުރުން "ޗަންދީގަޅް ކަރޭ އާޝިގީ" ފަދަ ފިލްމުތައް ހިމެނެއެވެ.