ސަރުކާރުގެ ޖީބު ކިތަންމެ ފުނަސް ހުރިހާ މީޑިއާއެއް ނުގަނެވޭނެ: ޝިޔާމް

ސަރުކާރުގެ ޖީބު ކިތަންމެ ފުނަސް ހުރިހާ މީޑިއާއެއް ނުގަނެވޭނެ: ޝިޔާމް

Author
މުޙައްމަދު ޖިމީ
05 މެއި 2022 10:45
0

ސަރުކާރު ޖީބު ކިތަންމެ ފުނަސް ހުރިހާ މީޑިއާތަކެއް ނުގަނެވޭނެކަމަށް ވިދާޅުވެ ނައިފައިރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ސަރުކާރަށް ފާޑުވިދާޅުވެފައިމިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 15 ދަރަޖަ ވެއްޓުމާއި ގުޅިގެންނެވެ.

ޝިޔާމް ވަނީ، ސަރުކާރަށް ނުގަނެވޭނެ މީޑިއާތައް "ޑިސްކްރެޑިޓް" ކުރުމުގެ ސަގާފަތް ސަރުކާރުން ސޫކޮށްލާ މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އެކިއެކި ސިޔާސަތުތަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ބައެއް މުހިންމު އިވެންޓްތައް ކަވަރކުރުމަށް ރައީސް އޮފީހުން ބައެއް މީޑިއާތަކަށް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އެކުލަވާލަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުންނެވެ. މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގައެވެ.

މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނައެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، މިދިޔަ އަހަރު 72 ވަނައަށް ރާއްޖެ ޖެހިލިއެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި މައްސަލައެއްގައި މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މަސްދަރު ހޯދަން މަސައްކަތް ކުރި ކަންވެސް ފާހަގަކޮށްފައިވެއެވެ. މިހާރު ނޫހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅުންނާ ހަވާލާދީ ވަރަށް ތަފްސީލްކޮށް ކެނެރީގޭގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ލިޔުނެވެ. އެ ލިޔުމުގެ މައްސަލަ 241 ކޮމިޓީން ބެލިއެވެ. ނަމަވެސް ނޫހަށް އެއްވެސް ފިޔަަވަޅެއް ނާޅައެވެ.

އިންޑެކްސްގައި ދެން ފާހަގަ ކޮށްފައި ވަނީ ހަރުކަށި ފިކުރާއި ގޭންގްތަކުގައި ހިމެނޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް އަންނަ ބިރު ދެއްކުމުގެ އިންޒާރުތަކެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ ހާދިސާ އިންޑެކްސްގައި ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.