ނަައިބު ރައީސް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ނަައިބު ރައީސް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
04 މެއި 2022 11:34
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް، ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ. ގެ ޢާންމު މަޖިލީހުގައި މިއަދު ކުރިޔަށްގެންދާ މަތީ ފެންވަރުގެ ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝާހިދު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގެ ދަށުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވުމަށާ، ޒުވާނުންގެ ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ، ކުރައްވާ މަސައްކަތްތަކާއި، ނާޒުކު ޙާލަތްތަކުގައިވާ ޤައުމުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ޙައިސިއްޔަތުން ޝާހިދު ރާއްޖެއަށް ހޯއްދަވައިދެއްވާ ފުރުޞަތުތަކާއި އިންވެސްޓްމަންޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާ ގުޅޭގޮތުން އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އަދި، ޝާހިދު ވަނީ އެމަނިކުފާނަށް އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން އަދާކުރެއްވުމަަށް މަގުފަހިވީ ރައީސް ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުންކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި މަތީ ފަންތީގެ ވަފްދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.