ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް ބިރު ދައްކައި އިންޒާރު ދިން ނަމަވެސް އެހަރަކާތްތަކެއް ނުހުއްޓުވޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ޕީޕީއެމްގެ ލީޑަރު އަދި އިންޑީއާ އައުޓް ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް ޔާމީން ސައިޒު ކޮށްލާނެކަމަށް ބުނެ، ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައިގައި އޭނާގެ މައްސަަލަ ބެލުމަށް ގޮވާލައި ކުރި ޓުވީޓުގައެވެ.
ޝުޖާ ވިދާޅުވީ ރައީސް ޔާމީނަށާއި، އިދިކޮޅު ފަރާތްތަކަށް ކިތަންމެ ބިރެއް ދައްކަން އުޅުނަސް އެކަމެއް ނުވާނެކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ހަރަކާތަކަށް ވާއިރު އިންޑިއާ އައުޓް ހުއްޓުވުމަށް ދެވޭ އިންޒާރަކުން ފަހަތަށް ޖެހުމެއް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ. މިފަދަ އިންޒާރުތަކަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަންޖެހޭ މައްސަލަތަކެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން މިޤައުމުން ބޭރުކުރުމަށް ގޮވާލާ ހަރަކާތަކީ ޤައުމީ ހަރަކާތެއް، މިހަރަކާތެއް ނުހުއްޓުވޭނެ. ސަރުކާރުން އަޑީގަ އޮވެގެން މިހަރަކާތް ހުއްޓުވަންކުރާ މަސައްކަތް ނާކާމިޔާބުވާނެ. ރައީސް ޔާމީނަށް މިމީހާދިނީ އިންޒާރެއް. މިކަން ތަހުޤީގުކުރުމަށް ފުލުހުންނަށް ގޮވާލަން.
– ޝުޖާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ، މޯލްޑިވްސް ޔޫތު ފޯރސްގެ ނަމުގައި ނުރައްކާތެރި އިންޒާރުތަކެއްދޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ރައީސް ޔާމީން ސައިޒު ކޮށްލާނޭކަމަށް ބުނެ އިންޒާރު ދީފައިވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މެމްބަރެކެވެ. އަދި އޭނާގެ ނަމަކީ ހުސެއިން ސައީދު ނަމަކަށް ކިޔާ މީހެކެވެ.
ވީޑިއޯގައި އޭނާ ބުނެފައިވަނީ، ޔާމިންވަނީ އިންޑިއާ އައުޓު ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި ހުންނަވާ އެ ހަރަކާތް ވަަރަށް ބޮޑަށް ފުޅާ ކޮށްފައި ކަމަށާއި، އެ ފޯރސްއިން އެހަރަކާތާއި ދެކޮޅު ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާ ދަށުވެފައިކަމަށް ވިދާޅުވެ ރައީސް ޔާމިން ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމަށްވެސް ވީޑީއޯގައި އިންޒާރު ދިން މިހާ ބުނެފައި ވެއެވެ.
ރައީސް ޔާމިން އިސްވެ ހުންނަވައިގެން އިދިކޮޅު ޕީޕީއެމްއިން ގެންދަނީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި އިންޑިއާ އައުޓުގެ ނަމުގައި، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ޚާއްސަ ހަރަކާތެއް ހިނަގަމުންނެވެ. އެހެންނަމަވެސް، މި ހަރަކާތް މިހާރުވަނީ ރައީސް ސާލިހުގެ ރިޔާސީ ގަރާރަކުން މަނާކޮށްފައެވެ.
One Response
ހިތާއި ދޫ އޭގެ މަކާނުން ބޭރުކޮށްފަ އެއްލާލެވި ދާނެ ހެއްޔެވެ.؟