ރެސިޕީ: ޢީދަށް ހާއްސަ ކުކުޅު ބިރިޔާނި

ރެސިޕީ: ޢީދަށް ހާއްސަ ކުކުޅު ބިރިޔާނި

ބިރިޔާންޏަކީ އަވައްޓެރި އިންޑިއާ އަދި ޕާކިސްތާނުން ރާއްޖެއަށް ހިޖުރަކޮށްފައިވާ ކެއުމެކެވެ. ނަމަވެސް މިހާރު ބިރިޔާންޏަށް ދިވެހިންގެ އަމިއްލަ ރަހަތައް ލައި ދިވެހި ބިރިޔާންޏަށް މިހާރު ވަނީ ބަދަލު ކޮށްފައެވެ.

މިއީ ޢީދު ދުވަހު މެންދުރުގެ ކެއުމަށް ގިނަ ބަޔަކު ތައްޔާރު ކުރާ ކެއުމެކެވެ. މި ކެއުން ފުރިހަމަ ވަނި މީރު ސެލެޑަކާއިވެސް އެކުގައެވެ.

ބިރިޔާނި ތަފާތު ގޮތް ގޮތަށް ތައްޔާރު ކުރެއެވެ. ކުކުޅު ނޫން ބާވަތްތަކުގެ ބިރިޔާންޏަކީ ވެސް މަގުބޫލު ބާވަތް ތަކެކެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ލާހި ހަނޑުލުގެ ބަތް
  • 1200 ގްރާމްގެ ކުކުޅެއް (ކޮށާފައި)
  • 5 މޭޒުމަތީސަމުސާ ބިރިޔާނި މަސާލާ (ޝާން މަސާލާ )
  • 5 ކާފޫރު ތޮޅި
  • 4 ކަރަންފޫ
  • 4 އިންޗީގެ ފޮނިތޮށި ކޮޅެއް
  • 1 ސައިސަމުސާ އިނގުރު ޕޭސްޓް
  • 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
  • 1 ސައިސަމުސާ އަސޭމިރުސް ޕައުޑަރު
  • 1 ސައިސަމުސާ ދިރި ޕައުޑަރު
  • 1 ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ އަޖިނަމޮޓޯ
  • 1 ޕްލޭން ޔޯގަޓް
  • 1 ބޮނޑި ލޮނުމެދު (ދިގުކޮށް ކޮށާފައި)
  • 3 ފިޔާ ބޮޑު ( ދިގުކޮށް ކޮށާފައި)
  • 1 ޖޯޑު ހިކި މޭބިސްކަދުރު
  • 1 ޖޯޑު ކެޝޫނަޓް
  • 1 ލުނބޯގެ ހުތް
  • 5 ހިކަނދި ފަތް
  • 1 ގިތެޔޮ މިރުސް (މެދު ސައިޒް)
  • 4 އިންޗީ ހުންނަވަރުގެ ރާނބާފަތް ކޮޅެއް
  • 3 ބޭ ލީވްސް
  • 1 ޖޯޑު ތެޔޮ
  • 5 ބިސް (ކައްކާފައި)
  • 1 ޖޯޑު ފެން
  • ލޮނު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޔޯގަޓް، ލުނބޯ ހުތް، ރީނދޫ، އަސޭމިރުސް، ދިރި، ލޮނުމެދު، އިނގުރު ޕައުޑަރު، އަޖިނަމޮޓޯ، 1 މޭޒުމަތީސަމުސާ ބިރިޔާނި މަސާލާ އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ކުކުޅު ކޮޅު އަޅައި ވަރަށް ރަނގަޅަށް މަތިޖަހާ 3 ގަޑިއިރު ވަންދެން މެރިނޭޓް ކުރާށެވެ.

ތެޔޮ ފޮދު ތެއްޔަކަށް އަޅައި ހޫނު ވުމުން ފިޔާކޮޅު އަޅައި ރަތް ކޮށްލާށެވެ. ރަތް ވުމުން ނަގައި، ލޮނުމެދު ކޮޅުވެސް ރަތްކޮށްލާށެވެ. ރަތް ކޮށްލުމުގެ ކުރިން ކުޑަ ފިޔާ ކޮޅަކާއި ލޮނުމެދު ކޮޅެއް ވަކިން ބަހައްޓަން ވާނެއެވެ.

ހަމަ މިފަދައިން ހިކި މޭބިސްކަދުރާއި ކެޝޫނަޓް ކޮޅު ވެސް ހަދާލާށެވެ. އަދި ބިސްވެސް ތެލުލާށެވެ. އެއަށް ފަހު ތެލުލި ތެޔޮ ގަނޑުގައި 2 މޭޒުމަތި ސަމުސާ ތެޔޮ ބެހެއްޓުމަށް ފަހު ބާކީބައި އެއްޗަކަށް އަޅައި އަލުން ހަމަ އެތެލި އުދާށެވެ.

އެއަށް ފަހު ކަރަންފޫ ކާފުރު ތޮޅި އަދި ފޮނިތޮށިކޮޅު މީރުކޮށްލާށެވެ. އެއަށްފަހު ކުރިންވަކިން ބެހެއްޓި ފިޔާ އަދި ލޮނުމެދުކޮޅު އަޅައި ފިޔާކޮޅު މޯޅި ވުމުން ރާނބާ ފަތް އަދި ހިކަނދި ފަތާއި މިރުސް އަޅާށެވެ. ބިރިޔާނި މަސާލާ ކޮޅު އަޅައިގެން ކަންކާލާށެވެ. އެއަށް ފަހު ކުކުޅުކޮޅު އަޅައިގެން ކައްކާލާށެވެ. ކެކެން ފެށުމުން ފެން ފޮދު އަޅައި ރަނގަޅަށް ގްރޭވީ ހުންނާނެހެން ކެކުމުން ލޮނު ހެޔޮވަރު ކުރާށެވެ.

ކުކުޅު ރިހަ ގަނޑު ތައްޔާރު ވުމުން އުނދުން މަޑުކޮށް ބަތް ކޮޅު އަޅާލާށެވެ. އަދި ރަނގަޅަށް ރިހަކޮޅުމަތީ ފަތުރާލާށެވެ. ދެން ބިސް އަދި ތެލުލި ފިޔާ އާއި ލޮނުމެދުގެ ފަށަލައެއް އަޅައިލާށެވެ. އަދި ކެޝޫނަޓް ކޮޅާއި ހިކި މޭބިސްކަދުރު ކޮޅުވެސް އަޅައި މަތިޖައިގެން މަޑުގިނީގައި 5 މިނިޓް ބަހައްޓާށެވެ. އެއަށް ފަހު އުނދުން ނިންވާލުމަށްފަހު ސުފުރާ މައްޗަށް ނަގަންވީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *