ގުޅުން ރަގަޅު ކުުރުމަށް އެރެދޮގާން ސައުދީއަށް

ގުޅުން ރަގަޅު ކުުރުމަށް އެރެދޮގާން ސައުދީއަށް

Author
ހުސެއިން
30 އޭޕްރިލް 2022 09:43
0

ސައުދީ ރަސްގެފާނު ކިންގ ސަލްމާން ބިން އަބުދުން އަޒީޒުއާއި، ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން، ޖިއްދާގައި ހުންނަ ސައުދީގެ ޝާހީ ގަނޑުވަރުން، ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާންއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅު ވެއްޖެއެވެ.

މިއީ 2017ވަނަ އަހަރަށްފަހު އެރެދޮގާން ސައުދީ އަރަބިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މައްކާގެ، ކިންގް އަބުދުލް އަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓުން އެރެދޮގާންއަށް މަރުހަބާ ވިދާޅުވެފައިވަނީ، މައްކާ ހިމެނޭ ސަރަހައްދުގެ ގަވަރުނަރު ޕްރިންސް ޚާލިދު އަލް ފައިސަލް ކަމުގައި، ސައުދީގެ ދައުލަތުގެ ނޫސް އޭޖެންސީ SPAއިން ރިޕޯޓު ކޮށްފައި ވެއެވެ.

ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން މީގެކުރިން ވިދާޅުވެފައިވަނީ، މި ދަތުރުފުޅަކީ، ސައުދީ ރަސްގެފާން ކިންގ ސަލްމާން ބިން އަބުދުލް އަޒީޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

"ސައުދީ އަރަބިއާއާއި ތުރުކީގެ ގުޅުން ހުރިހާ ގޮތަކުންވެސް އަލުން މުރާޖަޢާ ކުރެވޭނެ، އަދި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ. ދެގައުމުގެ ގުޅުމާބެހޭ މައްސަލަތަކުގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައި،" އެރެދޮގާންގެ މި ދަތުރުފުޅާ ގުޅޭގޮތުން ތުރުކީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެރެދޮގާންއާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ސަލާމް ކުރައްވަނީ

2018ވަނަ އަހަރު، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި، ސައުދީ ރައްޔިތެއްކަމުގައިވާ، ނޫސްވެރިޔާ ޖަމާލް ޚާޝޮގީ މަރާލުމާއި ގުޅިގެން، ދެގައުމުގު ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެހެންނަމަވެސް އެއަށްފަހު، އަންކާރާއިން ވަނީ ރިޔާދާއި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކޮށްފައެވެ.

ތުރުކީގެ އިގްތިސާދީ ހާލަތު ދަށްވެސް، ފައިސާގެ އަގުވެއްޓި، އިންފްލޭޝަން އިންތިހާއަށް މަތިވަމުން ދިނުމުގެ ނަތީޖާއެއްގެ ގޮތުުން ގައުމުގެ އެތެރޭގައި އެރެދޮގާންއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ސައުދީގެ އިތުރުން ސަރަހައްދީ އެހެން ބައެއް ގައުމުތަކާވެސް ގުޅުން ބަދަހި ކުރުމަށް އެރެދޮގާންވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެރެދޮގާންގެ މި ދަތުރުފުޅުގެ ކުރިން، ތުރުކީގެ ކޯޓަކުންވަނީ، މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ކަޝޯގީގެ މަރުގެ ޝަރީޢަތް ސައުދީ އަރަބިއާއަށް ބަދަލުކުރުމަށް ހުކުމް ކޮށްފައެވެ.

ޖަމާލް ކަޝޯގީ ސައުދީ އަރަބިއާގެ އެމްބަސީގައި ވަރަށް އަނިޔާވެރިކޮށް މަރާލި މައްސަލާގައި ޢައިރު ހާޒިރުގައި 26 މީހެއްގެ މައްޗަށް އައީ ތުރުކީގައި ޝަރީއަތް ކުރެވެމުންނެވެ. އެހެންނަމަވެސް، މި ޝަރީއަތް ސައުދީ އަރަބިއާއަށް ބަދަލު ކުރުމަށް ތުރުކީގެ ކޯޓަކުން ހުކުމް ކުރުމާއި ގުޅިގެން، މި ޝަރީއަތް ދެން އިތުރަށް ކުރިޔަށް ނުދާނެކަމުގައި މިހާރުވަނީ ބެލެވިފައެވެ.

ޚަޝޯގީގެ މަރުގެ ޝަރީއަތް ސައުދީ އަރަބިއާއަށް ބަދަލު ކުރުމަށް ތުރުކީން ނިންމާފައި ވަނީވެސް ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ސައުދީ އަރަބިއާއި ގުޅުން ރަގަޅު ކުރުމުގެ މަސައްކަތް ފައްޓަވާފަ ވަނިކޮށެވެ.

މިމައްސަލައިގެ ޝަރީއަތް ސައުދީ އަރަބިއާއަށް ބަދަލުކުރުމުގެ ކުރިން، ތުރުކީގެ ފޮރިންގ މިނިސްޓަރ މެވުލެޓް ކަވުސޮގްލި ވިދާޅުވެފައިވަނީ ސައުދީ އަރަބިއާއާއި ގުޅުން ރަގަޅު ކުރުމަށްޓަކާ ކުރިޔަށް އޮތްތަނުގައި މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.