ޔުއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްވަނީ ފެއިލްވެފައި: ގުޓަރޭސް

ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްވަނީ ފެއިލްވެފައި: ގުޓަރޭސް

ޔޫކުރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގަނައުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލް ފެއިލްވެފައި ވާކަމުގައި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ. ގުޓަރޭސް މިހެން ވިދާޅުވެފައިވަނީ، އޭނާ ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ކުރެއްވި ދަތުރުފުޅުގައި، ރަޝިއާ ސިފައިން އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގާފައިވާ ބައެއް ސަރަހައްދުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

"އަހަރެން ވަރަށް ސާފުކޮށް ބުނަން ބޭނުން: މި ހަނގުރާމަ ހުއްޓުވުމަށްޓަކާ އަޅާންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސެކިއުރިޓީ ކައުންސިލް ވަނީ ފެއިލްވެފަ. މިއީ ހިތާމަ ކުރާންޖެހޭ ކަމެއް، ހިންހަމަނުޖެހުމާއެކު ރުޅިވެރިކަންވެސް ފާޅުކުރާންޖެހޭ ކަމެއް،" ޔޫކުރެއިންގެ ރައީސް ލޮޑޮމީރު ޒެލެންސްކިއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

މި ދަތުރުފުޅުގައި ގުޓަރެސްވަނީ، ރަޝިއާއިން ހަމަލާދީ، އަދި މީގެކުރިން ވެރިވެގަތް ބައެއް ސަރަހައްދުތަކުގައި އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ބައްލަވާލެއްވުމަށް މިސަރަހައްދުތަކަށް ވަޑައިގެންފައެވެ.

"ޔޫކުރެއިން ފެންނަމުންދަނީ ހިތްދަތިކަމާއި ވޭން. އަހަރެންނަށް ކީވްގެ އެކި ސަރަހައްދުތަކުން މިވަނީ މިމަންޒަރުތައް ފެނިފަ. އެއްވެސް އަގެއްނެތި މީހުންގެ ފުރާތައް ގެއްލިގެން ގޮސްފައިވާތަން، ލިބިފައިވާ ގެއްލުންތައް، އަދި ގަބޫލުކުރަންވެސް ދަތި މިންވަރަށް އިންސާނީ ހައްގުތަކަށް އަރައިގަނެ، ހަގުރާމައިގެ ޖަރީމާތައްވެސް ހިންގާފައިވާތަން، ބައިނަލް އަގުވާމީ ޖިނާއީ ކޯޓުންނާއި، އަދި ޔޫއެންމެގެ ސިސްޓަމްގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކޮށް، މި ޖަރީމާތައް ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ވަރަށް މުހިންމު،" ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

"ޔުނައިޓޭޑް ނޭޝަންގެ ސްޓޭންޑް ވަރަށް ސާފު؛ މޮސްކޯގައިވެސް އަހަރެން ބުނެފައިވާ ފަދައިން، ރަޝިއާއިން ޔޫކުރެއިންއަށް އަރައިގަތުމަކީ، ޔޫއެންގެ ޗާޓަރާއި ޚިލާފަށް އެގައުމުގެ މިނިވަންކަމަށް އަރައިގަތުން. އަހަރެން މިތަނަށް އައިސް މިހިރީ، ޔޫކުރެއިންގެ ރައްޔިތުންނަށް ޔޫއެންއިން އެހީތެރިކަން ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް ހޯދާ ބެލުމަށް، އަދި މީހުންގެ ފުރާނަތައް ރައްކާތެރި ކޮށްދީ، ތަހައްމަލް ކުރަމުންދާ ހިތްދަތިކަމަށް ތަސައްލީއެއް ހޯދާދީ، ސުލްހަ ގާއިމް ކުރެވޭނެ މަގެއް ފެނޭތޯ ބަލަން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

ޔޫކުރެއިންއަށް ވަޑައިގަތުމުގެ ކުރިން، ގުޓަރޭސްވަނީ ރަޝިއާއަށް ވަޑައިގެން، އެގައުމުގެ ރައީސް ލާޑިމިރް ޕުޓިންއާއި ޚާރިޖީ ވަޒީރު ސާރގޭ ލަވްރޯވްއާއި ބައްދަލުކޮށް، ހަގުރާމަ ހުއްޓުމަކަށް ގެނެވެން އޮތް ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *