މީގެ ތިން ވަރަކަށް އަހަރު ކުރިން ލޯބީގެ ގޮތުން ގުޅުނު ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދްވާނީގެ ލޯބީގެ ގުޅުން ނިނުމަކަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ވަރަށް ލޯބިން އުޅުނު ޖޯޑެއްގެ ގޮތުގައި ފާހަގަ ކުރެވޭ މިދެތަރިން ރުޅުވިކަމުގެ އަޑުތައް މި އިވެން ފެށީ އެކުގައި ވަރަށް ގިނައިން ފެންނަން ފެށިފަހުންނެވެ. އެގޮތުން ދެމީހުން ވަނީ ޗުއްޓީތައް ހޭދަކޮށްފައެވެ. އެގޮތުން ދާދިފަހުން ވަނީ ރާއްޖޭގައިވެސް މިދެތަރިން ޗުއްޓީ ހޭދަކޮށްފައެވެ.
ނަމަވެސް ރިޕޯޓްތަށް ބުނާގޮތުގައި މިހާރު ސިދާތާއި ކިއާރާ ވަނީ ރުޅިވެފައެވެ. އެމީހުންގެ ލޯބީގެ ގުޅުން ވަނީ ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް އެދެމީހުން ވަކިވީ ސަބަބެއް އެއްވެސް މީޑިއާއަކުން އަދި ނުބުނެއެވެ.
މީޑިއާތަކުން ބުނީ އެ ދެ މީހުންގެ މެދުގައި ކުނިޖެހި އެކަކު އަނެކާ ބައްދަލުވެސް ނުކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި ދެމީހުންގެ ގުޅުން އެއްކޮށް ނިމިފައި ވާކަމުގެ ޚަބަރުތައް މި އިވެން ފެށީ ސިދާތުގެ ކުރީގެ ލޯބިވެރިއާ ކައިވެނި ކުރިތާ މާގިނަ ދުވަސް ތަކެއް ނުވަނީސްވެސް މެއެވެ.
ހަމަ އެހެންމެ ދެތަރިންގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެ ކައިވެނީގެ އަޑުތައް ވެސް ގަދަވެފައިވާ ދަނޑިވަޅެއްގައި މި ދެތަރިން ރުޅިވި ޚަބަރާއެކު ފޭނުން ވެސް ތިބީ ވަރަށްބޮޑަށް ދެރަވެފައެވެ.
މި ދެތަރިން ވަނީ މިދިއަ އަހަރު ރިލިޒް ކުރި ފިލްމް "ޝޭރްޝާ" އިން ވެސް އެކުގައި ފެނިގެން ގޮސްފައެވެ. ފިލްމުން ވެސް މި ޖޯޑު ވަނީ ބެލުންތެރިންގެ ހިތް އަތުލާފައެވެ. މިއީ ދެތަރިން އެކުގައި ކުޅުނު ފުރަތަ ފިލްމެއެވެ.