ޔޫކުރެއިންގެ މިސައިލް ހަމަލާ އަމާޒުވެ އަޑިއަށް ގޮސްފައިވާ، ރަޝިއާގެ ހަގުރާމަމަތީ މަނަރުވަރު މޮސްކޯވާގެ ފަޅުވެރިންގެ ތެރެއިން އެކަކު މަރުވެ، 27 މީހަކަށް ވީނުވީއެއް ނޭގިފައިވާކަމަށް، ރަޝިއާގެ ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ، އެގައުމުގެ ރަސްމީ ނޫސް އޭޖެންސީ RIAއިން ރިޕޯޓު ކޮށްފިއެވެ.
މޮސްކޯއިން ބުނެފައިވާ ގޮތުގައި، ރަޝިއާގެ ބްލެކްސީ ފްލީޓްގެ އެންމެ ވަރުގަދަ އެއް މަނަވަރު ކަމުގައިވާ މޮސްކޯވާގެ ފަޅުވެރިންގެ ތެރެއިން 396 ފަޅުވެރިއަކު ސަލާމަތް ކޮށްފައިވާ ކަމުގައެވެ. ރަޝިއާއިން ކުރިން ބުނެފައިވަނީ މި މަނަވަރު އަަޑިއަށް ގޮސްފައިވަނީ މަނަވަރުގައި ހުރި ހަތިޔާރުތަކެއް ގޮވުމުގެ ސަބަބުން ކަމުގައެވެ.
މި މަނަވަރުގައި ގޮވުންތަކެއް ގޮވާފައިވަނީ މަނަވަރުގައި ހުރި ހަތިޔާރު ގޮވައިގެންކަމަށް ރަޝިއާއިން ބުނި ނަމަވެސް ޔޫކުރެއިން އިން ބުނެފައިވަނީ މަނަވަރަށް އެގައުމުން އުފައްފާފައިވާ ނެޕްޓިއުން މިސައިލުން ހަމަލާ ދީފައި ވާކަމުގައެވެ. ނެޕްޓިއުން ކުރޫޒު މިސައިލަކީ، 2014 ވަނަ އަހަރު ރަޝިއާއިން އެގައުމުގެ ކްރައިމިއާ ހިފުމާއި ގުޅިގެން ޔޫކުރެއިންގެ އަސްކަރިއްޔާގެ ބާރު ގަދަކުރުމަށް އެގައުމުން އަމިއްލައަށް އުފައްދާފައިވާ ކުރޫޒް މިސައިލެކެވެ. މި މިސައިލަށް 300 ކިލޯމީޓަރު ދުރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވެއެވެ.
500 ކުރޫން މަސައްކަތް ކުރަމުންދިޔަ 611 ފޫޓު (186 މީޓަރު) ދިގު މޮސްކޯވާ މަނަވަރު ބެލެވިފައިވަނީ، ބްލެކްސީގެ ރަޝިއާގެ ނޭވަލް ފްލީޓުގެ އެއް ޝަރަފް ކަމުގައެވެ.
މިމަނަވަރު އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ސޯވިއެޓް ނޭވީގައި 1986ވަނަ އަހަރުއެވެ. އޭރު މި މަނަވަރަށް ދީފައިވާ ނަމަކީ ސްލާވާއެވެ. އެއަށްފަހު 1995 ވަނަ އަހަރު މި މަވަނަރުގެ ނަން މޮސްކޯވާއަށް ބަދަލުކޮށް، ބޮޑެތި ބަދަލުތަކާއެކު އަލުން ޚިދުމަތަށް ނެރެފައިވަނީ 1998 ވަނަ އަހަރުއެވެ.
މިގޮތުން މޮސްކޯވާއަކީ، ގިނަ ދުރުމިންތަކަށް ހަމަލާދެވޭ އެންޓި ޝިޕް، އެންޓި އެއަރކުރާފް މިސައިލްތަކުގެ އިތުރުން ޓޯޕިޑޯތަކާއި ނޭވަލް ގަންތަކާއި، ކައިރިން ހަމަލާދެވޭ މިސައިލް ސިސްޓަމެއްވެސް ހަރުކުރެވިފައިވާ މަނަވަރެކެވެ.