މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރ ޕާރސަން އިންތިޚާބު ވެގެން ގޮސްފައިވަނީ، ފާއިތުވެދިޔަ މާޒީގައި އެޕާޓީގެ އެތެރޭގައި ބޭއްވިގެން ގޮސްފައި ނުވާފަދަ ވާދަވެރި، އަދި ބައިބައިވުންވެސް ބޮޑު އިންތިޚާބެއް ކަމުގައެވެ.
ސަބަބަކީ، މިނޫނަސް އެމްޑީޕީގެ އެތެރޭގައި، މާޒީވެދިޔަ ތަނުގައި އެޕާޓީގެ ރައީސްއާއި ނާއިބު ރައީސް އަދި އެނޫން މަގާމްތަކަށްވެސް މީހުން އައްޔަން ކުރުމަށްޓަކާ އިންތިޚާބުތައް ބޭއްވިގެން ގޮސްފައި ވާތީއެވެ. އެމްޑީޕީގެ ރައީސްކަން އެންމެ ފުރަތަމަ ޑރ. މުނައްވަރު އަދާ ކުރެއްވީވެސް، އަދި އެއަށްފަހު ޑރ. ދީދީވެސް، ނައިބުރައީސްކަން ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ އަދާކުރެއްވީވެސް އިންތިޚާބުތަކުގައި ވާދަ ކޮށްގެންނެވެ.
އަދި ހަމަ އެފަދައިން، އެމްޑީޕީގެ ނާއިބު ރައީސްކަން، މިހާރުގެ ނާއިބުރައީސް މުހައްމަދު ޝިފާޒް ކާމިޔާބު ކުރެއްވީވެސް ހަމަ އެޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި، މަޖިލިސް މެމްބަރު އަސްލަމްއާއި ވާދަ ކޮށްގެންނެވެ.
އެހެންނަމަވެސް މިދެންނެވުނު އިންތިޚާބުތަކުގެ އިތުރުންވެސް އެޕާޓީގެ އެތޭގެ ގިނަ އިންތިޚާބުތަކެއް ފާއިތުވެދޔަ ތަނުގައި ބާއްވާފައިވާއިރު، އެއިންތިޚާބުތަކުން، މިހާރު ކުރިޔަށްދާ ޗެއަރ ޕާރސަން އިންތިޚާބުން ފެންނަމުންދާ ޒާތުގެ ވާދަވެރިކަމާއި، ބައިބައިވުމާއި، ދެކޮޅުވެރިކަން މީގެ ކުރިން ފެނިގެން ގޮސްފައިނުވަކަން މިއީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
މިގޮތުންވެސް، މިހާރު ކުރިޔަށްދާ ޗެއަރ ޕާރސަން އިންތިޚާބުގެ ކެމްޕޭންގެ ވާދަވެރިކަމުގެ ތެރެއިން، އެންމެ އާދަޔާއި ޚިލާފްކޮށް ފެނިގެންދާ އެއްކަމަށް ވެގެން ގޮސްފައިވަނީ، ޚުދު ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ޕާޓީގެ އެކްޓިވިސްޓުންގެ ފާޑުކިޔުމާއި ރައްދު ހަމަލާތައް އަމާޒުވެގެންދާ ދިއުމެވެ. ހަމަ އެއާއެކު، ޕާޓީ ދެފެކްޝަނަކަށް ބެހިގެން ގޮސްފައި ވާއިރު، ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ، އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާއި ބައެއް އެކްޓިވިސްޓުންގެ ބަހުގެ ހަމަލާތައް ޚުދު ރައީސް ސާލިހަށް އަމާޒުވެ، ގިނަބަޔަކު މީގެ ކުރިން އެޕާޓީގެ އެތެރޭގެ ވާދަވެރިކަމުގެ ތެރެއިން ފެނިގެން ނުދާނެކަމަށް ހީކުރި އެތަކަމެއް މިހާރު ކުރިޔަށްދާ ވާދަވެރި ކެމްޕޭންގެ ތެރެއިން މިފާތަނަށް ފެނިގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ވާދަވެރިކަން ގުޅިފައި އޮތީ 2023ގެ ރިޔާސީ އިންތިޚާބާ!
ކޮންމެއަކަށް ރައީސް ސާލިހުގެ ރިޔާސީ ދައުރުގައި މިހާރު ގުނަން ފަށާފައިވަނީ އެމަނިކްފާނުގެ ފުރަތަމަ ދައުރުގެ 2 ވަނަ އަހަރުގެ ދުވަސްތަކެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ދެން މާގިނަ ދުވަސްތަކެއް ނެތްނަމަވެސް، އަދި މި ހާތަނަށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭކަން އެމަނިކްފާނު އިއުލާން ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާވާނޭކަން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާއިރު، ރައީސް ސާލިހުގެ އަމަލްފުޅުތަކުންނާއި، ސިޔާސަތުތައް ރާއްވަވަމުން ގެންދަވާ ގޮތުން، އެމްޑީޕީގެ ޓިކެޓްގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އެމަނިކްފާނު ހުރިހާ ޕްލޭނެއްވެސް ކުރައްވާ، އެމަގުން ސިޔާސަތުތައް ރާއްވަވަމުން ގެންދަވާކަން ވަރަށްވެސް ރަގަޅަށް މޭރުން ކުރެވެމުން ދާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަދި އޭގެ އެންމެ ބޮޑު ހެއްކަކަށް ފެންނާން އޮތީވެސް ކުރިޔަށްދާ، ޕާޓީގެ ޗެއަރ ޕާރސަން އިންތިޚާބެވެ. މިއިންތިޚާބުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީއަށެވެ. ރައީސް ސާލިހުގެ ތާއީދާއެކީ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވަނީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ.
އަދި ރައީސް ނަޝީދުއާއ ރައީސް ސާލިހުއާއި ދެބޭފުޅުން ފާޅުގައި ކެމްޕޭނަށް ނިކުންނަވާފައި ނުވިނަމަވެސް، ދެބޭފުޅުންވެސް ގެންދަވަނީ، ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށްޓަކާ ސަރުކާރުގެ އިސް ފަރާތްތަކަށާއި، ޕާޓީގެ އިސް ފަރާތްތަކާއި އަދި އެކްޓިވިސްޓުންނަށްވެސް ގުޅުއްވާ، އަމިއްލަފުޅު ހައިސިއްޔަތުން މަސައްކަތް ކުރައްވަމުންނެވެ.
އެހެންކަމުން، އެންމެ ދަންނަ "ބޮޑު ސިއްރެއްގެ" ގޮތުގައި ސާފުކޮށް ފެންނާން އޮތް އެއް ހަގީގަތަކީ، ދެ ރައީސުންވެސް ފާޅުގައި އިންތިޚާބުގެ ކެމްޕޭނަށް ނިކުންނަވާފައިވާ މަންޒަރެވެ. އަދި މިއިންތިޚާބުން ބަލި ވުމަކީ ދެބޭފުޅުންނަށްވެސް ލިބިގެންދާނެ ވަރަށްވެސް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ޚުދު ދެބޭފުޅުންނަށްވެސް ވަޒަންކުރެވި، އެއީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދެރައީސުންވެސް ބަލައިގެންފައި ނުވާކަމެވެ. ފެންނަމުންދާ ހުރިހާ މަންޒަރަކުންވެސް މާ ބޮޑަށް ސަފުވާން އޮތް ހަގީގަތަކީ މިއީއެވެ.
ވާދަވެރިކަން ހައްދުން ނެއްޓެން މެދުވެރިވާ ސަބަބުތައް ބަރިވަރު!
ރައީސް ސާލިހު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަމަ، އެމަނިކްފާނަށް އޮތް އެންމެ ބޮޑު އެސެޓަކަށް ވެގެންދާނީ، އަމިއްލަފުޅު ޕާޓީ، އެމްޑީޕީއެވެ. އެޕާޓީގެ މެމްބަރުންގެ ތާއީދާއި، މަސައްކަތެވެ. އެޕާޓީގެ ރިޔާސީ ޓިކެޓެވެ. އަދި މިމަގު ފަހިކުރުމަށްޓަކާ، ހަމަ މި ބީދައިން ޕާޓީގެ ގައުމީ މަޖިލިހުގެ ތާއީދުވެސް އެމަނިކްފާނަށް އެހާމެ މުހިންމު ކަމުގައި ދަންނަވާން ޖެހެއެވެ.
ސަބަބަކީ، އެމްޑޕީގެ އަސާސީ ގަވާއިދުގައި ވާގޮތުގެ މަތިން، ޕްރައިމަރީއެއްގައި ވާދަކުރުމުމަކާ ނުލާ ޕާޓީގެ ރިޔާސީ ޓިކެޓް، ހުންނަވާ ރައީސަކަށް ލިބެންޖެހޭކަމަށް ޕާޓީގެ ތެރެއިން ބައެއް ފަރާތްތަކުން ވަކާލާތު ކުރަމުން ދިޔަނަމަވެސް، އެމަގުން އެކަން ވިޔަ ނުދިނުމަށްވެސް ޕާޓީގެ ތެރޭގައި ބަޔަކު މީހުން ވަކާލާތު ކުރަމުންދާ ދިއުމެވެ. އެހެންކަމުން، ދެވަނަ ދައުރުގެ، ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރުމުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ދައުރު ވަރަށްވެސް ބޮޑު ވެފައި، އަދި މި މަސައްކަތުގައި ޕާޓީގެ އެތެރޭގެ އިދާރީ ނިޒާމުންވެސް އެކި ގޮތްގޮތުން އަދާކުރަންޖެހޭ ދައުރު ވަރަށްވެސް ފުޅާވެފައި މުހިންމު ވާނެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މުހިންމު ވަގުތެއްގައި ބާއްވަން ޖެހިފައިވާ، އެޕާޓީގެ ޗެއަރޕާރސަންގެ މިއިންތިޚާބު ކާމިޔާބުކޮށް، ޕާޓީގެ އެތެރޭގެ ބާރުވެރިކަން ހޯއްދެވުން ރައީސް ސާލިހަށް ވެވަޑައިގެންފައިވަނީ، އެނޫން އެއްވެސް ގޮތެއްނެތް މަޖުބޫރު ކާމިޔާބަކަށެވެ. އަދި އޭގެ ހެކިތައް ކުރެވެމުންދާ ކެމްޕޭންގެ ތެރެއިން ހުރިހާ ގޮތަކުންވެސް ދަނީ ފެންނަމުންނެވެ. މުޅި ސަރުކާރުގެ ހުރިހާ ގިންތިއަކުންވެސް، ޗެއަރޕާރސަންކަމަށް ފައްޔާޒު އިސްމާއިލް އިންތިޚާބުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފެންނާން އެބަހުއްޓެވެ.
ހަމަ އެފަދައިން، ރައީސް ނަޝީދަށް ޕާޓީގެ މެމްބަރުންގެ މެދުގައި ބޮޑު ތާއީދު އޮތްކަމުގައިވި ނަމަވެސް، ޕާޓީގެ ޓިކެޓް ކަށަވަރު ކުރެއްވުމުގައި ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ މަރުހަލާތައް ކަޑައްތުކުރައްވަން އެމަނިކްފާނަށްވެސް ޖެހިވަޑަައިގަންނަވާނެތީ، އިސްވެ ދެންނެވުނު ހުރިހާ ސަބަބުތަކާއި، ހަމަ އެބީދައިން ނަޝީދަށްވެސް ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
އެހެންކަމުން، ގަބޫލުކުރަންޖެހިފަ އޮތް އެއް ހަގީގަތަކީ، ކުރިޔަށް އޮތް، އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބަކީ، ހުރިހާ ގޮތަކުންވެސް، 2023ގެ ރިޔާސީ އިންތިޚާބުގެ ފޯމިއުލާގެ ވަރަށް ބޮޑުބައެއް ތަރުތީބު ކޮށްދޭނެ އިންތިޚާބެއްކަމެވެ. އަދި މި އިންތިޚާބުގެ ނަތީޖާއިން، 2023އަށް، ދެރައީސުންގެ ތެރެއިން އެއް ބޭފުޅަކަށް މަގު ތަނަވަސް ވެގެންދާއިރު، އަނެއް ބޭފުޅަކު ގިރާ ކުރައްވަންޖެހޭ ގޮންޖެހުންތަކާއި ހުރަސްތައް އިތުރަށް ބޮޑުވެގެން ދާނެކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.