ބަހުރައިނުގެ ބޮޑިވަޒީރު ޝައިޚު ޚަލީފާ ބިން ސަލްމާން އަލްޚަލީފާ އަވަހާރަވެއްޖެއެވެ.
ބަހުރައިނުގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ އެމަނިކުފާނުގެ ހަށިކޮޅު އަނބުރާ ބަހުރައިނަށް ގެނައުމަށް ފަހުގައިކަމަށެވެ.
ބޮޑު ވަޒީރު ޚަލީފާއަކީ ބަހްރައިންގެ ފުރަތަމަ ބޮޑު ވަޒީރެވެ. އެ ގައުމުގެ ބޮޑު ވަޒީރު ކަމަށް އެމަނިކުފާނު ވަޑައިގަތީ 1970 ގައެވެ. އެއަށް ފަހު މުޅި އުމުރު އެެ މަގާމުގައި ދެމިހުންނެވިއެވެ. އެއީ ގާތްގަނޑަށް 50 އަހާރާއި 296 ދުވަހުގައެވެ.
އެންމެ ގިނަ ދުވަސްވަންގެން ބަހުރައިނުގެ ބޮޑުވަޒީރުގެ ގޮތުގައި ޚިދުމަތްކުރައްވަމުންދިޔަ ބޮޑުވަޒީރު ޝައިޚު ޚާލީފާ ބިން ސަލްމާން އަލްޚަލީފާ އަވަހާރަވީ އެމެރިކާގެ ހަސްފަތާލެއްކަމަށްވާ މޭޔޯ ކުލިނިކު ހޮސްޕިޓަލުގައި ޞިއްޙީ މައްސަލަތަކަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރެވެ.
ބަހުރައިނުގެ ރަސްގެފާނު ޝައިޚު ހަމަދު ބިން ޢީސާ އަލްޚާލީފާވަނީ ކުރިއަށް އޮތް އެއް ހަފުތާއަކީ ހިތާމަ ފައުޅުކުރުމުގެ އެއް ހަފުތާގެ ގޮތުގައި ކަނޑައަޅުއްވާ ބައި ދަނޑިއަށް ޤައުމުގެ ދިދަތައް ތިރިކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ