އުވާލާފައިވާ އެސެޓްރިކަވަރީ ކޮމިޝަންގެ ރިޕޯޓް އާންމުކުރަނީ

އުވާލާފައިވާ އެސެޓްރިކަވަރީ ކޮމިޝަންގެ ރިޕޯޓް އާންމުކުރަނީ

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 08:39
0

މިދިޔަ މަހުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުވާލާފައިވާއި އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ ރިޕޯޓް އާއްމުކޮށް ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެސެޓް ރިކަވަރީ ކޮމިޝަނާބެހޭ މައުލޫމާތު ހޯދުމަށް، އަމިއްލަ މީހެއް ކަމަށްވާ އަހުމަދު އައިމަން ލަތީފް ރައީސް އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، އެ ރިޕޯޓް ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭރުން އޭނާ އެދުނު މައުލޫމާތު ލިބޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 14/2018 އިން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފައްދަވާފައިވަނީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި، 17 ނޮވެންބަރު 2018 ގައެވެ.

އުފެއްދިތާ 3 އަހަރާއި 4 މަސް ފުރުނު ދުވަހު، ރައީސް ސާލިހު މި ކޮމިޝަން އުވާލައްވާފައިވަނީ އެމަނިކްފާނު ނެރުއްވި ޤަރާރަކުނެވެ. މި ކޮމިޝަން އުފާލެއްވިކަން ހާމަކުރައްވާ ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވާގޮތުން މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރަމުން ދާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުންނެވެ.

ރައީސް ސާލިހު އެސެޓް ރިކަވަރީ ކޮމިޝަން އުފާލެއްވިއިރު، އެ ކޮމިޝަނަށް އެކަށިގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވި، ކޮމިޝަނަށްވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި މި ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓަކީވެސް ވަކިބައެއްގެ މަސްލަހަތާއި އެއްގޮތަށް އެކުލަވާލާފައިވާ ލިސްޓެއްކަމުގެ ތުހުމަތުކޮށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައިވެސް މިކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަމުގެ ތުހުމަތުވެސް ފަހަކަށް އައިސް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ގިނަބަޔަކު ކޮށްފަައި ވެއެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަން (އެސެޓް ރިކަވަރީ ކޮމިޝަން)އަށް ފާއިތުވެދިޔަ އަހަރު ނިމިގެންދިޔައިރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ވަނީ މީގެކުރިން ހާމަވެގެން ގޮސްފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގެ ޚަރަދުތަކާއި ބެހޭ މަޢުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން، ފާއިތުވެދިޔަ އަހަރު ވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެދިފައެވެ. އަދި އެ ކޮމިޝަނުން މިކަމާއި ގުޅިގެން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބެލިއިރު އެ ކޮމިޝަނުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ 2019ވަނަ އަހަރެވެ. އެ އަހަރު އެކަނިވެސް 4.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެގޮތުން މުސާރައާ އެލަވެންސްއަށް 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަށް 2،548.57 ރުފިޔާ އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދުގެ އަދަދަށް 61،919.54 ރުފިޔާ ޚަރަދުކޮޮށްފައިވެއެވެ. އަދިހަރުމުދާ ހޯދަން 556،777.34 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.