ޒުވާން އެކްޓްރެސް ސާރާ އަލީ ޚާނަކީ މަޝްހޫރު އެކްޓަރ ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅެވެ. ބޮލީވުޑުގެ މާގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައި ނުވި ނަމަވެސް ސާރާ ބޮޑަށް މަޝްހޫރުވެފައި ވަނީ ކުރީގައި ފަލަކޮށް ހުރި ނަމަވެސް ފިލްމު އިންޑަސްޓްރީއަށް ވަނުމަށްޓަކައި ހިކުނު އެކްޓްރެސްއެއްގެ ގޮތުގައެވެ.
ބޮލީވުޑުގެ ތެރޭގައި ހިނގަމުންދާ ނެޕޮޓިޒަމްގެ ބަހުސްގައި ސާރާގެ ނަންވެސް ހިމެނެމުންދާއިރު ސާރާގެ ވާހަކަ ގިނަ ފަހަރަށް މީޑިއާގައި ދެކެވިފައި އޮތީ އެކްޓަރުންނާއި ލޯބީގެ ގުޅުން ބާއްވާ އެކްޓްރެސްއެއްގެ ގޮތުގައެވެ.
މިއަދުގެ ރިޕޯޓުގައި މި ބަލާލަނީ ސާރާ އަލީ ޚާނާއި ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ބުނެވޭ ބައެއް އެކްޓަރުންނަށެވެ.
ކޮފީ ވިތު ކަރަންގައި ދެއްކި ބައެއް ވާހަކަތަކުގައި އިޝާން ޚައްޓަރުގެ ނަން ބުނެފައި ނުވި ނަމަވެސް އޭނާއަށް ނިސްބަތްވާގޮތަށް ޑޭޓުކުރާކަމަށް ބުނުމުން ގިނަ ބަޔަކު އެ ވާހަކަވަނީ ދައްކާފައެވެ. އަދި އެކި ތަންތަނުން ރިޕޯޓަރުންނަށް ވަނީ އެދެމީހުން އެކުގައި ވަގުތު ހޭދަކުރާ މަންޒަރުގެ ފޮޓޯތައްވެސް ލިބިފައެވެ.
ސާރާގެ ފުރަތަމަ ފިލްމުގެ ހީރޯ، ސުޝާންތު ސިންގު ރާޖްޕުތާއި ސާރާ ޑޭޓު ކުރަމުންދާ ވާހަކަތަކެއް ފިލްމު ޕޮރޮމޯޝަންގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވެމުންދިޔައެވެ. އެހެން ނަމަވެސް އެކަމުގެ ހަޤީޤަތް ނޭނގިފައި އޮއްވާ ސުޝާންތުގެ މަރާ ގުޅިގެން އެ ވާހަކަތަކުގައި ކޮންމެވެސް ހަޤީޤަތެއްވާކަން މި އަންނަނީ ފަޅާއަރަމުންނެވެ.
ސާރާ ފިލްމު އިންޑަސްޓްރީއަށް އައުމުގެ ކުރިން އިންޑިއާގެ މަޝްހޫރު ޕޮލިޓިޝަން ސުޝިލް ކުމާރު ސިންދޭގެ ދަރިފުޅު ވީރާ ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ސާރާވަނީ އިންޓަވިއުއެއްގައި ބުނެފައެވެ.
ފުރުސަތެއް ލިބިއްޖެނަމަ ކާތިކު އާރިޔާންއާ ޑޭޓު ކުރަން ބޭނުންވާކަމަށް ސާރާ ބުނެފައިވަނިކޮށް އެދެތަރިން އެކީގައި ކުޅުނު ފިލްމު ލަވް އާޖްކަލްގެ ތެރެއިން ގާތް ގުޅުމެއް އުފެދުނުކަން އެނގިގެންދިޔައީ ސޯޝަލް މީޑިއާގައި ދައުރުވާންފެށި މި ޖޯޑުގެ ލޯބި ލޯބި ފޮޓޯތަކުންނެވެ. ގިނަ ބަޔަކު މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ނިންމާ އެވާހަކަތަށް ދެއްކި ނަމަވެސް އަނެއްބަޔަކު ބުނަމުންދިޔައީ އެއީ ފިލްމުގެ ޕުރޮމޯޝަން ސްޓަންޓެއްކަމަށެވެ.