ހޮލީވުޑްގެ ތަރިންގެ ޚިދުމަތްތަކާއި ހުރަނު ފާހަގަކުރާ ފިލްމް އެކަޑަމީ އޮސްކާގެ އެއްވެސް ހަރަކާތެއްގައި 10 އަހަރުން ވަންދެން ބައިވެރި ނުވެވޭ ގޮތަށް އެމެރިކާގެ މަޝްހޫރު ފުލްމީތަރި ވިލް ސުމިތް ސަސްޕެންޑް ކޮށްފިއެވެ.
އޮސްކާއިން ވޮލް ސުމިތް ސަސްޕެންޑް ކޮށްފައި މިވަނީ އެންމެ ފަހުން ބޭއްވުނު އޮސްކާ އިނާމް ދިނުމުގެ ހަފްލާގައި، މަޝްހޫރު ކޮމޭޑިއަން ކުރިސް ރޮކް، ސްޓޭޖުގައި ހުންނަވާ ވިލް ސުމިތުގެ އަންހެނުންނާއި ގުޅުވައި ޖެހު ޖޯކުގެ ސަބަބުން އައި ރުޅީގައި، ސްޓޭޖް މައްޗަށް އަރާ، ކުރިސް ރޮކްގެ ކަންކަށިމަތީ ޖެހި ޖެހުމުގެ އަދަބެއްގެ ގޮތުންނެވެ.
އޮސްކާގެ ގަވަރުނަރުންގެ ބޯޑުގެ ބައްދަލު ވުމަކަށްފަހު، އެކަޑަމީ އޮފް މޯޝަން ޕިކްޗާރސް އާރޓްސް އެންޑް ސައިންސްއިން ހުކުރު ދުވަހު ބުނެފައިވަނީ، މި ޖުއްދަތުގެ ތެރޭގައި އޮސްކާގެ އިނާމް ދިނުމުގެ ހަފްލާގެ އިތުރުން އެކަޑަމީން ބާއްވާ އެހެން އެއްވެސް އިވެންޓެއްގައިވެސް ސުމިތަށް ބައިވެރި ނުވެވޭނެ ކަމަށެވެ.
"49ވަނަ އޮސްކާ އިނާމް ދިނުމުގެ ހަފްލާއަކީ އަހަރެމެން ކޮމިއުނިޓީގެ އެތައް ފަރުދަކު، ފާއިތުވެދިޔަ އަހަރު ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ކާމިޔާބީގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާއެއެއް؛ އެހެންނަމަވެސް ސްޓޭޖް މައްޗަށް އަރާ ވިލް ސުމިތް ހިންގި ނާތަހުޒީބު އަމަލުގެ ސަބަބުން މިހުރިހާ ކާމިޔާބީތަކަށް ވަނީ ހިޔަނި އެޅިފަ،" އެކަޑަމީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފާއިތުވެދި މާރޗްމަހުގެ 27ވަނަ ދުވަހު، އެމެރިކާގެ ލޮސްއެންޖަލްގައި ބޭއްވުނު 94ވަނަ އޮސްކާ އިނާމް ދިނުމު ޖަލްސާގައި ވިލް ސުމިތުވަނީ، ހަފްލާ ކުރިޔަށް ދަނިކޮށް، ސްޓޭޖް މައްޗަށް އަރާ، އެވަގުތު އިނާމް ހަވާލު ކުރުމަށް ސްޓޭޖްމަތީގައި ހުރި، މަޝްހޫރު ކޮމޭޑިއަން ކުރިސް ރިކްގެ ކަންކަށިމަތީގައި ޖަހާފައެވެ.
ވިލް ސުމިތު ކުރިސް ރޮކްގެ ކަންކަށިމަތީގައި ޖަހާފައިވަނީ ހަފްލާގެ އެ ސެގެމްނަޓް ހުށަހަޅަމުން ކުރިސް ރޮކް ވިލް ސުމިތުގެ އަންހެނުންނާއި ގުޅޭގޮތުން ޖެހި ޖޯކަކާއި ގުޅިގެންނެނެވެ.
މި ހަފްލާ ހުށަހަޅަމުން، ކްރިސް ރޮކް، ވިލް ސްމިތްގެ އަނބިކަނބަލުންގެ ބޮލުން އިސްތަށިތައް ގޮސްފަ ހުރި ހުރުމަށް އިޝާރާތްކޮށް ބުނެފައިވަނީ، "ޖާޑާ (ވޮލް ސްމިތްގެ އަނބިކަބަލުން)، ޖީއައި ޖޭން 2 (އެމެރިކާގެ ކުރީގެ ފިލްމަކަށް އިޝާރާތްކޮށް) އިން ފެންނާނެ ދުވަހަކަށް މިހިރީ ކެތް މަދުވެފަ)،" މިހެންނެވެ.
ކްރިސް ރޮކް މިހެން ބުނުމާއެކު، ފެނިގެން ދިޔައީ ވިލް ސްމިތު ހިގާފައި ސްޓޭޖްއާއި ދިމާލަށް ދާންފެށި ތަނެވެ. އަދި ކްރިސް ރޮކްއާއި އަރާ ހަމަކޮށް އޭނާވަނީ، އޭނާގެ ކަންކަށިމަތީ ޖެހުމަށްފަހު އެބުރި ގޮޑީގައި އިށީދެފައެވެ.
"ކަލޭގެ ވިހަ ދުލުން އަހަރެންގެ އަންހެނުންގެ އަންހެނުންގެ ނަން ކިއުން ހުއްޓާލާ،" އެބުރިގޮސް ގޮޑީގައި އިށީނުމަށްފަހު ހަރުއަޑުން ވިލް ސްމިތް ހަޅޭ ލައްފާވައި ވެއެވެ.
ސްމިތުވަނީ، އެންމެ މޮޅު އެކްޓަރު އިނާމު ލިބިގަތުމަށްފަހު ވާހަކަ ދައްކަމުން، ކްރިސް ރޮކްގެ ކަންކަށިމަތީގައި އޭނާއަށް ޖެހުނީތީ މާފަށް އެދިފައެވެ.
"އަހަރެން ބޭނުން އެކަޑަމީގެ ފަރާތުން މާފަށް އެދެން. އަދި ވަނަތަކަށް ނޮމިނޭޓްވި ހުރިހާ އެންމެންގެ ފަރާތުންވެސް މާފަށް އެދެން،" އޭނާ ފަހުން ބުނެފައި ވެއެވެ.
"އާރޓްއަކީ ވަރަށް ގިނަފަހަރަށް ކަންކަން ކޮޕީ ކުރަންޖެހޭ ކަމެއް. ރިޗަރޑް ވިލިއަމްސްއެކޭ އެއްފަދައިން އަހަރެންނަކީވެސް ހަމަ ނުޖެހޭ ބައްޕައެއް. އެހެންނަމަވެސް ލޯތްބަކީ ހަގީގަތުގައިވެސް ހަމަނުޖެހޭ ކަންކަން ކުރަން ސަބަބު މެދުވެރި ކުރުވާ ކަމެއް."
ވިލް ސްމިތްގެ އަންހެނުން ޕިންކެޓް ސްމިތް މީގެ ކުރިންވަނީ، ބޮލުންނާއި ގައިން އިސްތަށި ފައިބާން މެދުވެރިވާ ސިއްޙީ މައްސަލައެއް ކަމުގައިވާ (alopecia) އެލޮޕީސިއާގެ ހާލަތު ކުރިމަތިވެފައިވާ ކަމަށް ބުނެ އެވާހަކަ ދައްކާފައެވެ.
ވިލް ސްމިތް ސްޓޭޖްމައްޗަށް އަރާ އޭނާގެ ކަންކަށިމަތީގައި ޖެހުމާއިއެކު، ރޮކް ފެނުނީ ކުއްލި ހައިރާން ކަމެއްގައި ހުއްޓައެވެ. "މިރޭ ވެގެންދާނީ ޓެލެވިޒަންގެ ތާރީޚުގައި ބޮޑު ރެއަކަށް" އޭނާ ކުއްލި ހުއްޓުމަކަށް އައުމަށްފަހު ބުނެފައި ވެއެވެ. އެއަށްފަހު އޭނާވަނީ، އެންމެ މޮޅު ޑޮކިއުމެންޓްރީގެ އިނާމު އޭގެ ހައްގުވެރި ފަރާތާ ހަވާލު ކޮށްފައެވެ.
ކްރިސް ރޮކްއަށް ސްޓޭޖަށް ދަައުވަތު ލިބުނީވެސް އެއެވާރޑް ހަވާލު ކުރުމަށެވެ.
މިހަފްލާގައި ކުރިސް ރޮކް، ވިލް ސްމިތްގެ އަންހެނުނަށް ނިސްބަތްކޮށް ހަޖޫ ޖަހާފައިވަނީ، 1997 ވަނަ އަހަރު އެމެރިކާގައި ދައްކާފައިވާ ފިލްމެއް ކަމުގައިވާ ޖީއައި ޖޭން (GI Jane) ފިލްމަަށް ނިސްބަތް ކޮށެވެ. މި ފިލްމުގައި އެމެރިކާގެ އަންހެން އެކްޓަރު ޑެމީ މޫރޭ އަދާކުރި ދައުރުގައި އޭނާ ބޮލުގެ އިސްތަށިގަޑު ހުންނަނީ އެއްކޮށް ބާލާފައެވެ.
ވިލް ސުމިތުގެ އަންހެނުންނަށް ކުރިމަތިވެފައިވާ، ބޮލުންނާއި ގައިން އިސްތަށި ފޭބުމުގެ މައްސަލައާއި ގުޅޭގޮތުން އޭނާ އެންމެ ފުރަތަމަ ވާހަކަ ދައްކާފައިވަނީ، 2018ވަނަ އަހަރު އޭނާގެ ފޭސްބުކް ޕޭޖުގެ ޗެޓް ޝޯގައި ގެނައި "ރެޑް ޓޭބުލް ޓޯކް" ގައެވެ. "އަހަރެންނަށް ވަނީ އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފަ. އެންމެ ފުރަތަމަ އެމައްސަލަ ކުރިމަތިވި އިރު ވަރަށް ބޮޑަށް ބިރުގަތް،" އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފައިވާކަން އެންމެ ފުރަތަމަ ފަހަރަށް ހާމަކުރަމުން އޭނާ ބުނެފައި ވެއެވެ.
އަލްޕީސިއާ (alopecia)އަކީ ގައިގެ ހުރިހާ ތަނަކުން އިސްތަށި ފޭބުމަށް މެދުވެރިވާ ސިއްޙީ މައްސަލައެލެވެ. މިއީ ބައެއް ފަހަރަށް ވަގުތީ ކަމަކަށް ވެގެންދާއިރު، މި ކަމަކީ ދާއިމީ ސިއްޙީ ކަމަކަށްވެސް ވެގެން ހިގައި ދެއެވެ.
ހުކުރު ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ސުމިތުވަނީ އެކަޑަމީގެ ނިންމުން ފުރިހަމަޔަށް ގަބޫކު ކުރާކަމަށް ބުނެފައެވެ.ޯ