ދިވެހި ޖުމްހޫރިއްޔަތަށް 52 އަހަރު، ޖުމްހޫރީ ވެރިކަމަށް އަވަސް ކަޅިއެއް!

ދިވެހި ޖުމްހޫރިއްޔަތަށް 52 އަހަރު، ޖުމްހޫރީ ވެރިކަމަށް އަވަސް ކަޅިއެއް!

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ލިބިގެން ދިމުގްރާތީ އުސޫލުން ހިގަމުންދާ ވެރިކަމަކަށް ވެފައި އެކަހަލަ ވެރިކަމެއް އޮވެގެން ނޫނީ ތަރައްގީއާއި ތަހުޒީބުގެ ރޮގުން ކުރިޔަށް ނުދެވޭނެކަމަށް ޤަބޫލުކޮށް ރައްޔަިތުން ބަލައިގަތީ ޖުމްހޫރީ ވެރިކަމެކެވެ.

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެއަށްފަހު ރާއްޖޭގެ ސިންގާސަނާ ނުވަތަ ވެރިކަމުގެ ތަޚުތު ހުރީ ފަޅަށެވެ.

މާގިނަދުވަސްތަކެއްނުވެ ނުހަނު ލޯތްބާއި އިޚްތިރާމާއެކު ދިވެހިރާއްޖޭގެ ރަސްކަން ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ހޭދަވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ނާދީ ތަމައްދުންގައި ފެށުނެވެ މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފަނުކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުން ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވިއެވެ. މިހިސާބަށް ދިޔުމުން ރާއްޖެގެ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާއި މެދު މަޝްވަރާކޮށް ހިޔާލުތަކެއް ހުށައެޅުމަށް 8 ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމެޓީއަކާއި ހަވާލުކުރެއްވިއެވެ. މި ކޮމެޓީގެ ބޭފުޅުން ވަރަށް މިނިވަންކަމާއި އެކު މަޝްވަރާ ކުރެއްވުމަށްފަހު ރައްތިޔުންގެ މަޖިލީހަށް ހުށައެޅުއްވި ރިޕޯޓްގައި ވަނީ މިތަންވަޅު ރާއްޖެއަށް ކަން ދިމާވެފައިވާ އޮތް ގޮތަކުން ރާއްޖޭގެ ވެރިކަން ހިންގުމުގެ އުސޫލަށް ބަދަލެއް ގެނެސް މިތަން ޖުމްހޫރިއްތަޔަކަށް ހެދުމަށް ޒަރޫރިއްޔަތު މަޖްބޫރުކުރުވައިފިކަމަށެވެ.

މިނިންމެވުމަށް  ތާއިދުކުރައްވާ ދިވެހި ރާއްޖޭގެ އޮންނަން ފެންނަނީ  ޖުމްހޫރި ވެރިކަމެއްކަމަށް ރައްޔިތުންގެ ހާއްސަ މަޖްލީހުން ފާސްކުރެއްވިއެވެ. މިއާއި އެކު މީލާދީ ގޮތުން ނަވާރަ ސަތޭކަ ފަންސާސް ދެވަނަ އަހަރުގެ އޭޕްރިލް މަހުގެ ސަތާރަވަނަދުވަހު ރާއްޖޭގައި އޮންނަ ފެންނަނީ ރަސްކަމެއްތޯ ޖުމްހޫރީ ވެރިކަމެއްތޯ ބެލުމަށް ރައްޔިތުންގެ އާއްމު ވޯޓެއް ނެގިއެވެ. މި ވޯޓްގެ ނަތީޖާ އިއުލާންކުރެވިގެން ދިޔައިރު ރާއްޖޭގައި  ޖުމްހޫރީ ވެރިކަމެއް އޮންނަން ފެންނަކަމަށް ނުވަދިހަ އަށްވުރެ މަތީ އިންސައްތައެއް ލިބިގެންދިޔައެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނު ހުންނެވުމަށް ރައްޔިތުން ވަނީ އިއްތިފާގުވެފައެވެ.

ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އުފަންވިނަމަވެސް މި ޖުމްހޫރއްޔަތު ދެމިއޮތީ 7 މަހާއި ސައްބީސް ދުވަހަށެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ އުފެދުނު ޖުމްހޫރީ ވެރިކަން އޭގެ ޅަފަތުގައި ދިވެހިން އުވާލާ  އަނެއްކާވެސް ގަސްތުކުރީ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރުމަށެވެ.ފުރަތަމަ ޖުމްހޫރީ ވެރިކަމަށްފަހު އަލުން އުފެދުނު ރަސްކަމަށް މީލާދީ ގޮތުން 14 އަހަރާއި 8 މަހާއި 4 ދުވަސްވީ ފަހުން. އަނެއްކާވެސް ދިވެހިން ގަސްތުކުޅައީ ޖުމްހޫރީ ވެރިކަމެއް ލިބިގަތުމަށެވެ. އެހެންކަމުން 5 އޮކްޓޯބަރ 1967 ގައި މި މައްސަލަ ރައްޔިތުން މަޖްލީހަށް ހުށައެޅުއްވިއއެވެ. ރައްޔިތުން މަޖީލީހުންވެސް އެކަމަށް ތާއިދުކޮށް ފާސްކުރެއްވުމުން ދެން ހުށައެޅުނީ ރައްޔިތުންގެ ވޯޓަކަށެވެ. މިފަހަރު ޖުމްހޫރީ ވެރިކަމަށް ތާއިދުކޮށް ތިރީސް ނުވަ ހާސް ހަތްސަތޭކަ ނުވަދިހަ ހަތަރު މީހުން ވޯޓްދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ ނުވަސަތޭކަ ނުވަދިހަ ދެ މީހުންނެވެ.

ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއެއް ގާއިމުކުރެވުނީ 11 ނޮވެމްބަރ 1968ގައެވެ. ދިވެހިރާއްޖޭގެ ދެވަނަ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ދިވެހިން އިންތިހާބު ކުރީ އޭރުގެ ވަޒީރުލް އައުޒަމްގެ މަގާމުގައި ހުންނެވި ސުމުއްވުލް އަމީރު އިބުރާހިމް ނާސިރުއެވެ. 1968 ވަނަ އަހަރުގެ ނޮވްމެބަރު މަހުގެ އެގާރަވަނަ ދުވަހުން ފެށިގެން ބަރާބަރު 10 އަހަރު ރައީސުލްޖުމްހޫރިއްޔާކަން އެމަނިކުފާނު ކުރައްވާފައިވެއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކަށް އަލްއުސްތާޒު މައުމޫން އަބްދޫލް ޤައްޔޫމް އިންތިހާބު ވެޑައިގެންފައިވަނީ 1978ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވަނަދުވަހުއެވެ. ރާއްޖޭގެ ވެރިކަމުގައި ތިރީސް އަހަރު ދުވަހު ހުންނެވުމަށްފަހު ރައީސް މައުމޫން އެމަގާމުން ވަކިވެޑައިގެންފައިވަނީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މަލްޓީ ޕާޓީ ފުރަތަމަ އިންތިހާބުން ނާކާމިޔާބުވެޑައިގަތުމުންނެވެ.

އެއަށްފަހު ރާއްޖޭގެ ވަރިކަމާއި ހަވާލެވެޑައިގަތީ ގ.ކެނެރީގޭ މުހައްމަދު ނަޝީދު. އެމަނިކުފާނުގެ ފަސްއަހަރުގެ ދައުރު ހަމަނުވަނީސް އެ ވެރިކަން ނިމިގެންދިޔައީ 2012 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އެދައުރު ހަމަވަންދެން ރައީސްކަން ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބަކަށް ހުންނެވި ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު. އެއާއެކު ޑރ. ވަހީދުވެގެންދިޔައީ، ދެވަނަ ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސަށެވެ. އެމަނިކުފާނު ރައީސްކަން ކުރައްވާފައިވަނީ 2012 ވަނައަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެންބަރު 16ގެ ނިޔަލަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސަކަށް ވެވަޑައިގަތީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު  ނިމުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. ރައީސް ޔާމީނަކީ ފެހި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން ފަސް އަހަރު ދުވަހުގެ ދައުރެއް ފުރިހަމަކުރެއްވި ފުރަތަމަ ރައީސްއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ބޮޑުކާމިޔާބެއް ހޯއްދަވައިގެން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް، އަދި ދެޖުމްހޫރިއްޔާ އެއްކޮށް ބަލާނަމަ ރާއްޖޭގެ 7 ވަނަ ރައީސަކަށް އިންތިޚާބުވެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ ދައުރު ފެށިގެންދާނީ އެއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ސަރުކާރަކީ ގިނަ ސިޔާސީ ޕާޓީތައް އެކުލެވިގެން އެކުލަވާލި ކޯލިޝަން ސަރުކާރެއް މިހާތަނަށް އެންމެ ގިނަ ދުވަހު ހިންގަމުން އަންނަ ސަރުކާރެވެ. މިއަދަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 52 އަހަރުފުރޭ ޖުމްހޫރީ ދުވަހެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އާއި ޚިލާފަށް ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ދިވެހި ޤައުމަށް މިނިވަންކަން ލިބި، ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. މީގެ ސަބަބުން ފާއިތުވި 52 އަހަރު ދެވަނަ ޖުމްހޫރިއްޔާގެ ދުވެލި ހުއްޓުމެއްނެތި މިދަނީ ކުރިޔަށެވެ. ޖުމްހޫރީ ޙަޔާތުގައި މިހާތަނަށް އައިއިރު ދިވެހި ޤައުމުގެ ހިންގުމުގެ ނިޒާމަށް މިވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައެވެ. ރާއްޖޭގެ ތަރައްޤީގެ ރޮނގުގައި އެންމެގިނަ ކާމިޔާބީއާއި ކުރިއެރުން ލިބިފައިވަނީ ޖުމްހޫރިއްޔަތުގެ ނިޒާމުގެ ދަށުންކަން ފާހަގަކޮށްލަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *