ފަލަސްތީނުގެ މިނިވަންކަމަށް ކުރަމުންގެންދާ މަސައްކަތުގެ އެންމެ މުހިންމު ލީޑަރު، ޑރ. ސާއިބު އުރައިޤާތު ކޮވިޑް-19 ގެ އާލާސްކަންފުޅުގައި އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 65 އަހަރުގެ އުރައިގާތު އަވަހާރަވީ ފަލަސްތީނުގެ އަލްގުދްސުގައި ހުންނަ އިސްރާއީލުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި، ކޮވިޑް-19 އަށް ފަރުވާހޯއްދަވަމުން ގެންދަނިކޮށެވެ. އުރައިޤާތު އަވަހާރަވިއިރު ފަރުވާ ހޯއްދަވަމުން ގެންދެވީ އިސްރާއީލުން ހިފާފައިވާ ގުދުސްގައި ހުންނަ ހަދާސާ ޔުނިވާސިޓީ މެޑިކަލް ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލަށް އުރައިޤާތު ގެންދެވީ ފަލަސްތީނުގައި ފަރުވާދެއްވުމަށްފަހު ހާލުކޮޅު ދެރަވެވަޑައިގެން ޑޮކްޓަރުންގެ ލަފާފުޅުގެ މަތިންނެވެ. އުރައިޤާތު ކޮވިޑް-19 އަށް ޕޮޒިޓިވް ވީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. އުރައިޤާތަކީ ފުއްޕާމޭގެ އާލާސްކަންފުޅަކާ ގުޅިގެން އެމެރިކާއިން ފުއްޕާމޭ ޓްރާންސްޕްލާންޓް ހައްދަވާފައިވާ ބޭފުޅެކެވެ.
ހަދާސާ ހޮސްޕިޓަލުގައި އުރައިޤާތަށް ފަރުވާދެމުން ގެންދިޔައިރު އޭނާގެ ދަރިކަނބަލުން ޑރ. ސަލާމް އުރައިޤާތު އަރިހުގައި ހުންނަވައިގެން ބައްޕާފުޅުގެ ހާލުކޮޅު ބައްލަވަމުންގެންދެވިއެވެ. ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންވެސް އުރައިޤާތު ފަރުވާގެ ކަންކަން ގެންދިޔައީ ގާތުން ބަލަމުންނެވެ.
އުރައިޤާތު ފާހަގަ ކޮށްލެވެނީ ފަލަސްތީނުގެ މިނިވަންކަމަށް ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި ލީޑަރެއްގެ ގޮތުގައެވެ. އެގޮތުން އޭނާ އަކީ، ފަލަސްތީނުގެ ސުލްޙައަށް މަސައްކަތް ކުރާ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ފަރާތުން އިސްރާއިލާއި މުޢާމަލާތުކޮށް ސުލްޙައިގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅާއެވެ. އަދި އެޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލަކީ ވެސްއުރައިޤާތެވެ. އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން 19 އަހަރުވަންދެން އިސްރާއީލާއެކު ކުރިޔަށްގެންދިޔަ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވި ފަލަސްތީނުގެ އެންމެ އިސް ލީޑަރަކީ އޭނާއެވެ.
އެމެރިކާއިން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އުރައިޤާތު ވަނީ ފަލަސްތީނުގެ އައްނަޖާހް ޔުނުވާސިޓީގައި ޕޮލިޓިކަލް ސައެންސް ދާއިރާއިން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެއިތުރުން ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތާއި މިހާރުގެ ރައީސް މަޙްމޫދު އައްބާސްގެ ސީނިއާ އެޑްވައިޒަރުކަން ވެސް އޭނާ ކުރެއްވިއެވެ
ކޮމެންޓު ފޮނުވާ