މިއަދު ހުޅުވިގެންދިޔަ ކިންގް ސަލްމާން މިސްކިތަކީ ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް ޔާމީންގެ އިސްލާމީ، އަދި ޚާރިޖީ ސިޔާސަތުގެ ރަމްޒެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށް، މިސްކިތުގެ ޢަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. މިސްކިތުގެ ހުރިހާ މަސައްކަތެއް 2020 ވަނަ އަހަރު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހަށް މި މިސްކިތް އާއްމުކޮށް ހުޅުވާލަން ނިންމި ނަމަވެސް އެކަން މަޑުޖެހުނީ ކޯވިޑް-19ގެ ހާލަތު އޭރު މާލޭގައި ގޯސްވެ ކޭސްތައް އިތުރުވުމުންނެވެ. މިސްކިތް ނުހުޅުވި މިސަރުކާރުގެ މިވީ 3 އަހަރުގައި އެކި ބަހަނާތައް ދެއްކުމަށްފަހު މިއަދު ވަނީ މިސްކިތް ހުޅުވާފައެވެ.
މިސްކިތް ހުޅުވުމާއި ގުޅިގެން ޕީޕީއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ކިންގް ސަލްމާން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލުމާ ގުޅިގެން މާތް ރަސްކަލާންގެ އަށް ޙަމްދު ކުރަން އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވާކަމަށެވެ.
ދިހަހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތުގައި ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމްވެފައި ހުންނާނެ ކަމަށާއި، މަލްޓި ޕަރޕަސް ހޯލް، ދުނިޔޭގެ ފެންވަރުގެ ލައިބްރަރީ، ސެމިނަރ ރޫމް، ކްލާސް ރޫމްތައް ޤާއިމްކުރެވިފައިވާނެކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ.
މާލޭގެ މަލަމަތިން އިސްލާމީ ރަމްޒު ދައްކުވައިދޭ މި ބިނާގައި ކީރިތި ޤުރުއާން އުނގަންނައި ދިނުމަށާއި އިސްލާމީ ޢިލްމު ފެތުރުމަށް މިތަނުގެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ކުރެވޭނެ އިންތިޒާމް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ޕީޕީއެމްއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ރައީސް ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ކިންގް ސަލްމާން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލުމާ ގުޅިގެން މާތްﷲއަށް ޙަމްދު ކުރަން އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން pic.twitter.com/w0hF8tyZkq
— Progressive Party of Maldives (@ProgressPartyMV) April 1, 2022
ސަލްމާން މިސްކިތް އާއްމުކޮށް ނަމާދުކުރުމަށް ހުޅުވާލާފައިވާއިރު، މިއަދުގެ ހުކުރު ނަމާދު ބޮޑު ޖަމާޢަތުގައި އެ މިސްކިތުގައި ވަނީ ކޮށްފައެވެ. މަސްޖިދު ސަލްމާންގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ބޮޑު ޖަމާޢަތުގައި ކޮށްދެއްވީ، ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިނެވެ. ސަލްމާނު މިސްކިތަށް މިއަދުގެ ހުކުރު ނަމާދަށް ގިނަ އަދަދެއްގެ އާއްމުންގޮސްފައިވެއެވެ. ސަލްމާން މިސްކިތުގައި ކުރެވުނު ހުކުރު ނަމާދުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ